މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާއި ގުޅިގެން ހުށަހަޅުއްވާފައިވާ ދެ މައްސަލައެއް އިމްތިޔާޒް ކޮމިޓީން ބައްލަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި، މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާއި ގުޅުންހުރި ދެ މަސައްލައެއް ބައްލަވާފައިވެއެވެ. އެއީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ ދެ މައްސަލައެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގެ ގަވާއިދާ ޙިލާފަށް މެންބަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައްސަލައެވެ. މި މައްސަލަ ތޮއްޑޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވަނީ 1 އޭޕްރިލް 2010 އަދި 3 ފެބްރުއަރީ 2010 އެއްގައެވެ. މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވަޑައިގެން، މި މައްސަލައާއި ގުޅިގެން މަޢުލުމާތު ދެއްވުމަށްފަހު، މައްސަލަ ވީ އެންމެ އަވަހަކަށް ނިންމެވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އެދިވަޑައިގެންފައިވެއެވެ.

ދެވަނަ މައްސަލައެއްގެ ގޮތުގައި ބެއްލެވީ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ އަބުރަށް ގެއްލުންލިބޭ ފަދަ ގޮތަށާއި، އަދި މަޖިލީހުގެ ތަޅުމުގައި ދައްކަވާފައިވާ ވާހަކަފުޅުތައް އެޑިޓް ކޮށް، ދިޓީވީއިން ތަކުރާރުކޮށް އެކި ރިޕޯޓް ފޮނުވަމުން ގޮސްފައިވާތީ، 19 ޑިސެމްބަރު 2010 ވަނަ ދުވަހު ހުށަހަޅުއްވާފައިވާ މައްސަލައެވެ. މި މައްސަލައާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވިއެވެ. ދިޓީވީއިން ފޮނުވާފައިވާ މި ރިޕޯޓްތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވެ، މި މައްސަލަ ވީ އެންމެ އަވަހަށް ނިންމެވުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވަނީ އެދިވަޑައިގެންފައެވެ.

އެއަށްފަހު ތޮއްޑޫ ދާއިރާގެ މެންބަރުގެ މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށާއި، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ދީޓީވީގެ އިސް ބެފުޅުންނާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދެވެ.