މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 42 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 42 ވަނަ ބައްދަލުވުމުގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކޮށްފައިވަނީ ޤާނޫނާ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ، އެ މައްސަލަ ބެއްލެވުމަށް އެދިވަޑައިގެން ކޮމިޓީގެ 3 މެންބަރަކު ހުށަހަޅުއްވާފައިވާ މައްސަލަ ބެއްލެވުން ކުރިއަށްގެންދަވައިފިއެވެ.

އެގޮތުން މި މައްސަލައާއި ގުޅިގެން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ލިޔެކިޔުންތައް އެ ކޮމިޓީއަށް ފޮނުއްވުމަށް އެދިވަޑައިގެން 7 ނޮވެމްބަރު 2012 ގައި ފޮނުއްވާފައިވާ ސިޓީއަށް ދެއްވާފައިވާ ޖަވާބު މުޤައްރިރު ވަނީ ކޮމިޓީއަށް ހިއްސާކުރައްވާފައެވެ. ޖޭ.އެސް.ސީ އިން ފޮނުއްވި ޖަވާބުގައިވަނީ، އެދިވަޑައިގެންފައިވާ މަޢުލޫމާތު މިއަދު ފޮނުއްވެން ނެތް ކަމަށާއި، މަޢުލޫމާތު ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ ތާރީޚް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، މިއަދު (12 ނޮވެމްބަރު 2012) ހަވީރުގެ6:00  ގެ ކުރިން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތު ފޮނުއްވުމަށް އެދިވަޑައިގެންނެވުމަށެވެ. މިގޮތަށް ނިންމަވާފައިވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ. އަދި 13 ނޮވެމްބަރު 2012 ވަނަ ދުވަހު ޖޭ.އެސް.ސީގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައިވާ ސިޔާސީ ޕާޓީތަކުގެ ބިލުގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު އެންގެވުމަށް ގަވާއިދު ކޮމިޓީން ފޮނުއްވާފައިވާ ސިޓީ ކޮމިޓީއަށް ހިއްސާކުރައްވާ އަދި ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި އެ މަސައްކަތް ކުރިއަށްގެންދެވުމަށް ނިންމެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު އަދި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒެވެ.