2 ޤަރާރެއް ބަލައިގަންނަން ނުފެންނަކަމަށް މަޖިލީހުން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ 2 ޤަރާރެއް ބަލައިގަންނަން ނުފެންނަކަމަށް މިއަދު ނިންމަވައިފިއެވެ. އެއީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވައިގެން އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގަސްތުގައި ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ ހިންގާފައިވާ ލާއިންސާނީ އަނިޔާ ބެލުމާއި މިނިވަން ކޮމިޝަނެއް އުފެއްދުމުގެ ޤަރާރާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަޚްލޫފް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮމިޓީ އެލަވަންސް ކަނޑާލުމަށް ގޮވާލާ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ޤަރާރެވެ.

މީގެއިތުރުން ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް މިއަދު ހުށަހަޅުއްވާފައިވެއެވެ.

މިބިލު ހުށަހަޅުއްވައިދެއްވީ އިޖްތިމާއީ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙައްމަދެވެ. މިބިލަށް މިއަދުގެ ޖަލްސާގައި ޖުމްލަ 9 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ކޮރަޕްޝަން ހުއްޓުމުގެ ބިލު 2012 ގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ކޯރަމް ގެއްލުމުގެ ސަބަބުން 14:10 ގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 13 ނޮވެމްބަރ 2012 ވާ އަންގާރަދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

27 ޛުލްޙިއްޖާ 1433

12 ނޮވެމްބަރ 2012