ޑިޕްލޮމާ އިން ލައިބްރަރީ އެންޑް އިންފޮރމޭޝަން ސަރވިސަސް ކޯހުގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލައިބްރަރީއަށް ޒިޔާރަތް ކުރައްވައިފި

ފެކަލްޓީ އޮފް އާރޓްސްގައި ހިންގަމުންދާ ޑިޕްލޮމާ އިން ލައިބްރަރީ އެންޑް އިންފޮރމޭޝަން ސަރވިސަސް ކޯހުގެ 7 ދަރިވަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލައިބްރަރީއަށް ޒިޔާރަތް ކުރައްވައިފިއެވެ.

އިންފޮރމޭޝަން ސަރވިސަސް ކޯހުގެ ދަރިވަރުން މަޖިލިސްކުރާގެއަށް ޒިޔާރަތްކުރުމުން މަޖިލީހުގެ އިދާރާގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އަދި މަޖިލީހާގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްސަކުރެވިފައިވާ ޕާލިމަންޓްރީ އެޑިއުކޭޝަން ޓީމްގެ ބޭފުޅުން މިދަރިވަރުންނަށް މަޢުލޫމާތު ދެއްވެވިއެވެ.

މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް މަޢުލޫމާތާއި ރެފަރެންސް މެޓީރިއަލް ފޯރުކޮށްދިނުމުގެ މަސައްކަތް ރާވައި ހިންގައި ބަލަހައްޓާ ގޮތާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުވުނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން މަޖިލީހުގެ ލައިބްރަރީ ބޭނުންކުރައްވަމުން ގެންދަވާ ގޮތުގެ މައްޗަށްވެސް މަޢުލޫމާތު ދެވުނެވެ.