7 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ގެ ބައްދަލުވުން ރާއްޖޭގައި ބާއްވަވަން ނިންމަވައިފިއެވެ. މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމެވީ އިސްލާމްއާބާދުގައި ބޭއްވުނު 6 ވަނަ އެސޯސިއޭޝަން އޮފް ސާކް ސްޕީކަރސް އެންޑް ޕާލަމެންޓޭރިއަންސްގެ، ފިފްތް ސެޝަން އޮފް ދަ ޖެނެރަލް އެސެންބްލީ މީޓިންގައެވެ.
6 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ޝުކުރު އަދާކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާސިލް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގެ ކުރިން، ސާރކް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުން މެދުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި، މި ސަރަޙައްދުގެ ތަފާތު އެކިއެކި މައްސަލަތައް ޙައްލުކުރެއްވުމަށް މަޝްވަރާ ކުރައްވައި ޚިޔާލުފުޅުތައް ބަދަލުކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ކޮންފަރެންސް ބޭއްވެވުމަށާއި މިކޮންފަރެންސަކީ ކާމިޔާބު ކޮންފަރެންސް އަކަށް ހެއްދެވުމަށް ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީން އެއެސެމްބްލީގެ ސްޕީކަރ ޑރ. ފަހްމީދާ މިރްޒާ ކުރެއްވި ބުރަ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ތަޢުރީފް ކުރައްވައި އެކަމަނާ އަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި ދެން އޮންނަ 7 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ގެ ބައްދަލުވުން ދިވެހި ރާއްޖޭގައި ބޭއްވުމަށް ޖެނެރަލް އެސެމްބްލީން ނިންމެވި ނިންމެވުމަށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާއި ، އަދި އެއީ ރާއްޖެއަށް ލިބޭ ވަރަށްބޮޑު ފަޚުރަކަށްވާނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
6 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޗެއާ ކޮށްދެއްވި ޕާކިސްތާންގެ ސްޕީކަރ އޮފް ނޭޝަނަލް އެސެމްބްލީ ޑރ. ފަހްމީދާ މިރްޒާ މި ބައްދަލުވުން އިންތިޒާމްކުރައްވާފައިވާ ފުރިހަމަކަމަށްޓަކައި އެކަމަނާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އިތުރުން ސްޕީކަރ އޮފް ދަ ލޮކް ސަބާ އޮފް އިންޑިއާ މެއިރާ ކުމާރު އާއި، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންވެސް ވަނީ ޝުކުރުއަދާކުރެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ.