އައި.އެމް.އެފްގެ ވަފުދަކާއި މާލިއްޔަތު ކޮމިޓީ އަދި އިޤްތިޞާދީ ކޮމިޓީން ބައްދަލުކުރައްވައިފި

މިހާރު ރާއްޖޭއަށް ވަޑައިގެންއުޅުއްވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ ވަފުދާއި މާލިއްޔަތު ކޮމިޓީ އަދި އިޤްތިޞާދީ ކޮމިޓީން ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އައި.އެމް.އެފްއިން ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ބެހޭ ގޮތުން އެ ފަރާތަށް ފާހަގަކުރެވިފައިވާ ކަންކަން މެންބަރުންނާ ހިއްސާކުރައްވާފައެވެ. އަދި ދައުލަތަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކުރަން އެޅިދާނެ ބައެއް ފިޔަވަޅުތައް ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް މަޖިލީހުން ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ “ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލު” ގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމެވުން ކަމަށް އައި.އެމް.އެފްގެ ވަފުދުން ވަނީ ފާހަގަކުރައްވާފައެވެ.

އައި.އެމް.އެފްގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޑރ. ކޯޝީ މަތާއީ، ޑރ. ފަޒޫރިން ޖަމާލުއްދީން، ނިކޮލާ މިލިއޯން، ޑރ. ނަންދަކަ މޮލަގޮޑާ، އަދި މރ. ޖޫލްސް ޓެޕްސޮޓާއެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ މަނިޓަރީ ޕޮލިސީ ސެކްޝަންގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު މުނައްވަރުވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މާލިއްޔަތު ކޮމިޓީން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.

އިޤްތިޞާދީ ކޮމިޓީއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް އެވެ.