ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލުގެ މަސައްކަތް އިޤްތިޞާދީ ކޮމިޓީން ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ 31 ވަނަ ބައްދަލުވުމުގައި، ދައުލަތުގެ ޙަރަދަށް ޒިންމާވުމުގެ ބިލުގެ ދިރާސާ ކުރައްވަން ފައްޓަވައިފިއެވެ.

އެގޮތުން ކަމާބެހޭ އެކި ފަރާތްތަކުން ހުށަހަޅުއްވާފައިވާ ކޮމެންޓްތަކަށް ރިޢާޔަތްކުރައްވާ، މި ބިލުގެ 25 ވަނަ މާއްދާއާއި ހަމައަށް ބެއްލެވިއެވެ.

އަދި މަސްވެރިންގެ ސަބްސިޑީއާ ގުޅޭގޮތުން ފޮނުއްވާފައިވާ ޤަރާރަށް، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓެޜަރީއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއާއި، އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން މި ޤަރާރަށް ކޮމެންޓް ހުށަހެޅުއްވުމަށް ވަގުތުދެއްވާ، އަންނަ ހަފްތާގެ ބުދަ ދުވަހު ބާއްވާ ބައްދަލުވުމުގައި މި ޤަރާރު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމެވިއެވެ.

މިއަދު ބޭއްވެވި ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ހަމީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލް ޣަފޫރު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އެވެ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ހުންނެވީ ޗުއްޓީގައެވެ.