މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 41 ވަނަ ބައްދަލުވުން ބާއްވައިފި

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 41 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފެއްދުމާއި ދެމެހެއްޓުމާއި އަދި އެ ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރައްވަން ވަނީ ފައްޓަވައިފައެވެ.

މިގޮތުން،  މި ބައްދަލުވުމުގައި ވަނީ، 21 އޮކްޓޯބަރ 2010ގެ ފަހުން މިއަދާ ހަމައަށް ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ފަރާތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ލިޔެކިޔުން ތަކާއި، އެއްވެސް ފަރާތަކުން ޖުޑީޝަލް ސަރވިސަސް ކޮމިޝަންއަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓާ ގުޅޭގޮތުން ފޮނުއްވާފައިވާ ލިޔެކިޔުންތަކާއި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމާއި، ބަދަލުކުރުމާ އަދި ފަނޑިޔާރުންނާ ގުޅޭގޮތުން އެ ކޮމިޝަނުން ބާއްވާފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ކޮމިޓީއަށް ހޯދުމަށްފަހު ދެންއަންނަ ބައްދަލުވުމެއްގައި މި މައްސަލަ އިތުރައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދެވުމަށް ނިންމަވާފައެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު އަބްދުﷲއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދް އަބްދުލްޣަފޫރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް އަދި ކަނޑިތީމު ދާއިރާގެ މެންބަރު މުހަންމަދު ޙުސައިން  މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވައެވެ.