ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާ އާއި 149 ވަނަ މާއްދާގެ ދަށުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވައިފިއެވެ.
މިކުއްލި މައްސަލައަކީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމަށް އައްޑޫ އިންޓަނޭޝަނަލް އެއާރޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ނަމުގައި ކުންފުންޏެއް އުފައްދާ، އެކުންފުނީގެ 30 އިންސައްތަ ހިއްސާ “ކާސާ ހޯލްޑިންގ” ކިޔާ އަމިއްލަ ކުންފުންޏަކަށް އިންޓަރނޭޝަނަލް ބިޑިންގ ޕްރޮސެސްއަކާ ނުލައި ވިއްކާލާފައިވާތީ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.
މިކުއްލި މައްސަލައަށް ބަހުސްކުރައްވާފައިވަނީ 27 މެންބަރުންގެ އަޣްލަބިއްޔަތުން މިމައްސަލަ ބަލައިގަތުމަށް ފާސްކުރެއްވުމާގުޅިގެންނެވެ. ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު 3 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މިކުއްލި މައްސަލައިގެ 1 ގަޑިއިރުގެ ބަހުސް ނިމުމާގުޅިގެން ވާހަކަދައްކަން އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް ވާހަކަ ދައްކަން ފުރުޞަތު ދިނުމަށްޓަކައި ވަނީ ވަގުތު އިތުރުކުރައްވާފައެވެ. މިގޮތުން ވަގުތު އިތުރުކުރައްވާފައިވަނީ 20 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
މިއަދުގެ ޖަލްސާ 12:08 ގައި ނިންމަވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދަނިކޮށް، ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ ޢަދަދު ޤާނޫނީ ޢަދަދަށްވުރެ މަދުވެއްޖެނަމަ، އެހިސާބުން އެޖަލްސާއެއް ހުއްޓާލާ، ކޯރަމް ރަނގަބީލު ޖަހަންވާނެއެވެ. ކޯރަމް ރަނގަބީލު ޖެހުމަށްފަހު 5 މިނެޓް ބަލައި، މަޖިލިސްކުރާ މާލަމުގައި ހާޒިރުވެ ތިބި މެންބަރުންގެ ޢަދަދު ބަލަންވާނެއެވެ. އަދި އެ ޢަދަދަކީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޤާނޫނީ ޢަދަދަށްވުރެ މަދު ޢަދަދެއްކަމަށްވާނަމަ، މެންބަރުންނަށް 30 މިނިޓަސްވުރެ ދިގުނޫން މިންވަރަށް ހުސްވަގުތުކޮޅެއްދީ، ޤާނޫނީ ޢަދަދު ހަމަވޭތޯ މަޖިލީހުގެ ރައީސަށް ބެލިދާނެއެވެ. ނުވަތަ އެ ޖަލްސާ ނުބާއްވާގޮތަށްވެސް މަޖިލީހުގެ ރައީސަށް ނިންމިދާނެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 12 ނޮވެމްބަރ 2012 ވާ ހޯމަދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.
22 ޛުލްޙިއްޖާ 1433
7 ނޮވެމްބަރ 2012