އިމްތިޔާޒް ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައި، ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަތަކާބެހޭގޮތުން މަޝްވަރާކުރައްވައިފި

އިމްތިޔާޒް ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައި، ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަތަކާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިގޮތުން، މިއަދުގެ ބައްދަލުވުމުގައި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ 2 މައްސަލައާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް، މައްސަލަ ހުށަހެޅުއްވި މެންބަރަށް ދަޢުވަތު ދެއްވުމަށް ނިންމެވިއެވެ. އަދި ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙަންމަދު މުޞްތަފާގެ ސޮއި ފޯޖްކުރުމާއި، ޤާނޫނާ ޚިލާފަށް ފުލުސް އޮފީހަށް މައްސަލަ ބަލައިގަނެ ތަޙުޤީޤުކޮށްފައިވާ މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާފުޅެއް ހޯއްދެވުމަށްވެސް ނިންމެވިއެވެ.

މީގެއިތުރުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 157 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައާ މެދު މަޝްވަރާކުރެއްވިއެވެ. މިމައްސަލައަށް ކޮމިޓީގައި 2 ހުށަހެޅުމެއް ހުށަހެޅި ތާޢީދު ލިބި ވޯޓަށް އެއްސެވުމުން ފާސްވެފައިވަނީ މިމައްސަލަ ކޮމިޓީން ކުރިއަށް ގެންދެވުމަށް ނުފެންނަކަމަށެވެ.

އަދި މިއަދުގެ ބައްދަލުވުމުގައި، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާއިވާ މައްސަލައާ ބެހޭގޮތުން، އިތުރަށް މަޢުލޫމާތު ހޯއްދެއްވުމަށް ހުށަހެޅުއްވި މެންބަރަށް ކޮމިޓީން ދަޢުވަތު ދެއްވުމަށް ނިންމަވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދުއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ. ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ހުންނެވީ ސަލާމުގައެވެ. ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުންނެވީ ޗުއްޓީގައެވެ. ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް ހުންނެވީ މަޖިލީހުގެ ދަތުރުފުޅެއްގައެވެ.