ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ދިރާސާކުރައްވާ ގައުމީ ސަލާމަތުގެ ސަބް – ކޮމިޓީގެ ބައްދަލުވުމެއް ބާއްވަވައިފި

މިއަދު ބޭއްވުނު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ދިރާސާކުރައްވާ ގައުމީ ސަލާމަތުގެ ސަބް – ކޮމިޓީގެ ބައްދަލުވުމުގައި އެބިލުގެ ވަކިވަކި މާއްދާތައް އިސްލާޙްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީން އެބިލުގެ 56 ވަނަ މާއްދާ އިސްލާޙުކުރައްވައި ކޮމިޓީން އެމައްދާއަށް ގެންނަން ފެނިވަޑައިގެންނެވި އިސްލާޙުތަކާއެކު އެމާއްދާގެ އަކުރުތައް ތަރުތީބުކުރައްވައި ނިންމާލެއްވިއެވެ. އަދި ބިލުގެ 57 ވަނަ މާއްދާއާއި 58 ވަނަ މައްދާ އަދި 59 ވަނަ މާއްދާއަކީ އެ  ބިލުގެ މުހިއްމު މާއްދާތަކެއްކަމަށްވެފައި، އެ މައްދާތަކަށް ވަރަށްގިނަ ބައިތަކެއް އިތުރުކުރަން ފެނިވަޑައިގަންނަވާކަމަށް ކޮމިޓީގެ މެންބަރުން ޚިޔާލު ފާޅުކުރައްވާފައިވާތީވެ، ކޮމިޓީގެ މެންބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކުގެ އަލީގައި އެ މާއްދާތައް އަލުން ޑްރާފްޓްކުރުމަށް މަޖިލީހުގެ އިދާރާގެ ލީގަލް ޓިމާ ޙަވާލުކުރުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ.

ބިލުގެ 56 ވަނަ މާއްދާއަކީ ޤައިދީން އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހެދުމާ ގުޅޭ މާއްދާއެކެވެ. ބިލުގެ 57 ވަނަ މާއްދާ އިން ފެށިގެން 59 ވަނަ މާއްދާގެ ނިޔަލަށް ހިމެނޭ މާއްދާތަކަކީ ޤައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުމާއި، މުރާޖަޢާކުރުމާއި ގުޅޭ މައްދާތަކެވެ.

މިއަދު ބޭއްވުނު ސަބް – ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމުއެވެ.