ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 18 ވަނަ ބައްދަލުވުން ބާއްވަވައިފި

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ 18 ވަނަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި މާލެ އާއި އަތޮޅު ތަކުގައި މާރާމާރިއާއި ބޮޑެތި ކުށްތަށް ކުރުން ގިނަވެ ކުށްވެރިން ބަންދުގައި ނުތިބެ ދޫކުރެވެމުން ދިއުމުގެ ސަބަބުން ގައުމުގެ އަމާންކަން ވަނީ ގެއްލިފައިކަމަށް ބުނެ، ޑީ.ޕީ.އާރް.އެސްގައި ހުރިކަމަށް ފާހަގަކުރެވޭ މައްސަލަތަކާ ގުޅޭގޮތުން 2 މެއި 2011 ގައި  މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ކޮމެޓީގެ އެހެން ބައްދަލުވުމެއްގައި މިމައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމަށް ނިންމެވިއެވެ.

އަދި 9 ސެޕްޓެމްބަރ 2011 ގައި ހިރިޔާ ސްކޫލްގެ 4 ދަރިވަރުންނާއި ޕްރިންސިޕަލް ނިޔާވި ހާދިސާ އިތުރަށް ދިރާސާކުރެއްވުމަށްޓަކައި މިއަދުގެ ބައްދަލުވުމުގައި މި މައްސަލައާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުމަށެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ، ކޮމެޓީގެ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު، ކުޅުދުއްފުށި ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު،  މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާއެވެ.