މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 40 ވަނަ ބައްދަލުވުން ބާއްވަވައިފި

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމެޓީގެ 40 ވަނަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމްގައި ޖަހާ ފިންގަރ ޕްރިންޓް މައްސަލައާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ކޮމެޓީން ގޮތެއް ކަނޑައެޅުއްވިއެވެ.

މިގޮތުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން އުފުއްލަވަނީ، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގައި ހިމަނާފައިވާ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން ކަމުގައިވާއިރު، އެ ގަވާއިދު ހިންގެވުމުގައި، އެ ގަވާއިދުގައި ބަޔާންކޮށްފައިނެތް ބުރައެއް ނުވަތަ އިލްތިޒާމެއް އުފުލުން އެއްވެސް ފަރާތަކަށް ލާޒިމުކުރެވިދާނެ، ޤާނޫނީ ހަމައެއް އޮތްކަމަށް ކޮމިޓީއަށް ނުފެންނަކަމަށާއި އަދި ފިންގަރ ޕްރިންޓް ޖެހުން ޝަރުޠު ކުރުމަކީ، މުހިންމުކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެވަޑައިގަންނަވާނަމަ، ސިޔާސީ ޕާޓީގެ ގަވާއިދުގައި އެކަން ހިމަނުއްވައިގެން އެކަން ކުރެއްވުން ނުވަތަ ސިޔާސީޕާޓީގެ ބިލުގައި އެކަން ހިމެނުއްވަން މި ކޮމިޓީއަށް ހުށަހެޅުއްވުން ރަނގަޅުވާނެކަމަށް ކޮމެޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ކޮމެޓީގެ މުޤައްރިރު ކުޅުދުއްފުށީ ދެކުނުދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު އަބްދުލް ޣަފޫރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.