ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 213 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙާ ގުޅޭގޮތުން ޢާންމު ކޮމިޓީގައި މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު އާންމު ކޮމިޓީގެ 26 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހުތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލެއްވި ޢާންމު ކޮމިޓީގެ ސަބް ކޮމިޓީން ދިރާސާކޮށް ނިންމެވިގޮތުގެ ރިޕޯޓްގައި ހިމެނޭ އިސްލާޙްތަކުގެ ތެރެއިން މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

 މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙަކީ، ވަކިކަހަލަ ނުރައްކަލެއް މަޖިލީހަށް ކުރިމަތިވެދާނެކަމުގެ ބިރު އުފެދިއްޖެ ހިނދެއްގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިދާނެކަމަށާއި އަދި އެގޮތަށް މަޖިލީހުން ނިންމުމެއް ނިންމޭނީ މަޖިލީހުން ފާސްކޮށްގެންކަމުގައި ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 213 ވަނަ މާއްދާގެ (ޅ) އިސްލާޙު ކުރެއްވުމަށާއި އަދި 213 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ކ)  އިތުރު ކުރުމަށް އެދި ހުށަހަޅުއްވާފައިވާ އިޞްލާޙެކެވެ.

މިއަދުގެ ބައްދަލުވުމުގައި، މިއިޞްލާހަށް ގެންނަން ފެނިވަޑައިގަންނަވާކަމަށް ކޮމިޓީގެ ކުރީގެ ބައްދަލުވުމުގައި މެންބަރުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ އަލީގައި މަޖިލީހުގެ އިދާރާގެ ލީގަލް ޓީމުން، ތައްޔާރުކޮށްފައިވާ ޑްރާފްޓް ބެއްލެވުމަށްފަހު، އެ ޑްރާފްޓުގައިވާގޮތަށް އެއިސްލާޙް ފާސްކުރެއްވުމަށް ކޮމިޓީއަށް ހުށަހެޅި ތާއިދު ލިބުނެވެ. އަދި އެހުށަހެޅުމަށް ވޯޓަށް އެހުމުން އެ އިސްލާޙް ކޮމިޓީގައި ފާސްކުރުމަށް ލިބެންޖެހޭ މިންވަރަށް، (ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތު) ވޯޓު ނުލިބުމުގެ ސަބަބުން ދެންނެވުނު ޑްރާފްޓް އޮތް ގޮތަށް ފާސްކުރުމަށް ކޮމިޓީން ފާހެއްނުވިއެވެ.

މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި، މަޖިލީހުގެ އިދާރާގެ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ޗުއްޓީ ހޯދުމައް ހުށަހަޅުއްވާފައިވާ މައްސަލައާ މެދު މަޝްވަރާކުރެއްވުމަށްފަހު، މަޖިލީހުގެ އިދާރާއިން ފޮނުއްވާފައިވާ ލިޔެކިޔުންތަކާއި މަޢުލޫމާތުތަކަށް ރިޢާޔަތްކުރައްވައި މިމައްސަލައަށް ކޮމިޓީން ފެންނަގޮތް ކަނޑައަޅުއްވާފައިވެއެވެ.

މިއަދު ބޭއްވުނު އާންމު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުއެވެ.