މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ހެއްކާބެހޭ ބިލާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 38 ވަނަ ބައްދަލުވުމުގައި، ހެއްކާބެހޭ ބިލާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިބިލުގެ އެކިއެކި ބާބުތައް ވަކިވަކިން ބައްލަވައި، އެބާބުތަކުގައިވާ މައްސަލަތަކާބެހޭގޮތުން ކަމާބެހޭ ބޭފުޅުންނާއި މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި، އެޓާރނީޖެނެރަލް އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރުގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވީ އެ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖުތާޒް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދް އަބްދުލް ޣަފޫރުއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުންނެވީ ސަލާމުގައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވަނީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ޙުސައިންއެވެ. ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުންނެވީ ޗުއްޓީގައެވެ.