ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން 3 މެންބަރަކު ސޮއެކުރައްވާ ޢާންމު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައެއް އެކޮމިޓީން ދިރާސާކުރައްވައިފި

މިއަދު ބޭއްވުނު އާންމު ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން 3 މެންބަރަކު ސޮއެކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައެއް އެކޮމިޓީން ދިރާސާކޮށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ޢާންމު ކޮމިޓީގެ 3 މެންބަރަކު ސޮއެކުރައްވާ އެކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައަކީ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާ (ހ) އިސްލާޙްކުރެއްވުމަށާއި އެގަވާއިދުގެ 173 ވަނަ މާއްދާ އާއި 177 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފަފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 173 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރެއްވުމަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ މަޖިލީހުގެ ގަވާއިދުގެ 172 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދާއިރު މަޖިލީހުގައާއި މަޖިލީހުގެ ކޮމިޓީގައި ނަގާ ވޯޓް ސިއްރު ކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާޙެކެވެ. މަޖިލީހުގެ ގަވާއިދުގެ 177 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ އެމާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދާއިރު މަޖިލީހުގައާއި މަޖިލީހުގެ ކޮމިޓީގައި ނަގާ ވޯޓް ސިއްރުކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާޙެކެވެ.

އެގޮތުން، މިއަދުގެ ބައްދަލުވުމުގައި، މި މައްސަލަ ހުށަހަޅާފައިވާ ގޮތަށް ފާސް ކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވައި ތާއިދު ލިބިވަޑައިގަތުމުން، ކޮމިޓީއަށް ހާޒިވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފްއެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ހުންނެވީ ޗުއްޓީގައެވެ. ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.