އެކިއެކި މުއައްސަސާތަކުގައި ޕާރސަނަލް އައިޑެންޓިފިކޭޝަން ނިޒާމް ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިއަދު ކުރިއަށްގެންދެވި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 36 ވަނަ ބައްދަލުވުމުގައި، އެކިއެކި މުއައްސަސާތަކުގައި ޕާރސަނަލް އައިޑެންޓިފިކޭޝަން ނިޒާމް ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ، މޯލްޑިވްސް ޕޮލިސް ސަރވިސް، އިލެކްޝަންސް ކޮމިޝަން، ޑިޕާރްޓްމަންޓް އޮފް އިމިގްރޭޝަން އަދި ޑިޕާރޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ ކަމާ ބެހޭ ބޭފުޅުންނާއެވެ.

މި މުއައްސަސާތަކާ ބައްދަލުކުރެއްވީ، ސިޔާސީ ޕާޓީތަކަށް މީހުން ރަޖިސްޓަރީ ކުރުމުގައި އެޕްލިކޭޝަން ފޯމް ތައް އިލެކްޝަންސް ކޮމިޝަނަށް ލާއިރު އެ ފޯރމުތަކުގައި ވާ ފިންގާ ޕްރިންޓް ސާފުނުވާކަމަށް ވާނަމަ އެ ކޮމިޝަނުން އެ ފޯމް ބާތިލް ކުރަމުންދާކަން ފާހަގަކޮށް ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުމުން އެފަދަ ކަމެއް އެޕްރޫވް ކުރާނެ ސިސްޓަމެއް ނެތްކަމަށް އެ ކޮމިޓީގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވާތީ، އެ މުއައްސަސާތަކުގައި ޕަރސަނަލް އައިޑެންޓިފިކޭޝަން ނިޒާމް ބައްޓަންކުރެވިފައިވާގޮތާއި، އެއީ ކިހާ އިތުބާރުހުރި ނިޒާމެއްތޯ ބެލުމަށްޓަކައެވެ.

މިގޮތުން، އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އައި.ޑީ ކާޑުގެ މައްސަލަޖެހެމުން އަންނަކަމާއި، ބައެއް ފަހަރު އެކަކު، އެއް.އައި.ޑީ ކާޑަށްވުރެ ގިނަ އައި.ޑީ ކާޑު ގެންގުޅުއްވަމުންދާކަމަށެވެ.

ނަމަވެސް ޑިޕާޓްމަންޓްއޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވިދާޅުވީ،  2003 ވަނަ އަހަރުން ފެށިގެން އެ ޑިޕާޓްމަންޓްގެ ޑާޓާ ބޭސް އަށް އެންޓަރ ކުރެވެމުންދާ މަޢުލޫމާތުތަކުގެ ތެރޭގައި އެކަކަށް ދެ ނަންބަރެއްގެ އައި.ޑީ ދެވިފައިނުވާކަމަށެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، އެ ސަރވިސް އިން ބަލަހައްޓަމުން ގެންދަވަނީ، ޖިނާޢީ އެކި އެކި މައްސަލަތަކުގައި ތުހުމަތުކުރެވިގެން ހައްޔަރުކުރެވޭ މީހުންގެ ފިންގަރ ޕްރިންޓްގެ ޑާޓާ ބޭސް އެއް ކަމަށެވެ.

މީގެ އިތުރުން، ޔޫއެންޑީޕީ އާ ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ނެޝަނަލް ސެންޓަރ ފޯރ އިންފޮރމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އިން ޕާރސަނަލް އައިޑެންޓިފިކޭޝަން ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް އިލެކްޝަން ކޮމިޝަން އަދި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ބޭފުޅުން ވިދާޅުވިއެވެ.

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ޙުސައިން އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދް އަބްދުލް ޣަފޫރުއެވެ. ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުންނެވީ ޗުއްޓީގައެވެ. ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުންނެވީ ސަލާމުގައެވެ. ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އެވަގުތު އިންނެވީ އެހެން ކޮމިޓީއެއްގައެވެ.