ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ޚިދްމަތުގެ ބިލު 2012 ގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ. މިބިލަށް ޖުމްލަ 8 މެންބަރުން ވާހަކަ ދެއްކެވިއެވެ.
މިއަދުގެ ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވާފައިވާ، ދައުލަތުގެ ބަޖެޓު ސަޕޯޓްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ކޮމްޕެނީ އިން ނަގާފައިވާތީއާއި، އަދި އެ ލޯނު ނުނަގާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ދޮގު މަޢުލޫމާތު ދީފައިވާތީވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، މިނިސްޓަރ އޮފް ފިނޭންސް ޢަބްދުﷲ ޖިހާދުގެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއާއި އެ ގަވާއިދުގެ 143 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރުގެ މަޖިލީހުން ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާފައިވެއެވެ. އެހެންނަމަވެސް މިޤަރާރު ބަލައިގަންނަން މަޖިލީހުން ފާސްކުރައްވާފައެއްނުވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސަބްސިޑީ ގޮތުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް، އަދި ސަރުކާރުގެ މަސްކުންފުނިތަކުގެ ފައިދާ އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނަށް މަގުފައިވާގޮތަށް، އަދި މަސްވެރިންގެ ސިނާއަތް ބަގުރޫޓުވާފަދަ ގޮތެއްގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރަމުންދާ މައްސަލައިގެ ޤަރާރުގެ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ. އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެވެ.
15 ޛުލްޙިއްޖާ 1433
31 އޮކްޓޯބަރ 2012