ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 15 ވަނަ ބައްދަލުވުން ބާއްވަވައިފި

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މިއަހަރުގެ 15 ވަނަ ބައްދަލުވުން މިއަދު 11:30 ން 12:25 އަށް ބާއްވަވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލުގެ 410 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު އުނިކުރުމަށްފަހު ނަންބަރު ތަރުތީބު ކުރެވުމަށް ނިންމެވިއެވެ. ބިލުގެ 614 ވަނަ މާއްދާގެ (ހ) އާ ބެހޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި މިނިސްޓް އޮފް ޑިފެންސް ގެ ބޭފުޅުންނާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށްފަހު އެ މާއްދާއާ މެދު ގޮތެއް ނިންމެވުމަށް ކޮމިޓީގެ މެންބަރުން އެއްބަސްވެވަޑައިގަތެވެ. މީގެ އިތުރުން 710 އަދި 711 ވަނަ މާއްދާތައް އިސްލާޙް ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

       މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒްފަހުމީ، ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލު ޢަބޫބަކުރު އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު ހުންނެވީ ޗުއްޓީގައެވެ. އަދި ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުލްރަޙީމް ޢަބްދުﷲ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައެއްނުގަންނަވައެވެ.