ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންސާނީ ޙައްގުތަކާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް އެކަމާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށްޓަކައި، އައި.ޕީ.ޔޫގެ ފަރާތުން މައުލޫމާތު ހޯދުމަށް ވަފުދެއް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
އައި.ޕީ.ޔޫގެ މި ނިންމުމަކީ ކެބެކް ސިޓީ، ކެނެޑާގައި ބޭއްވުނު 127 ވަނަ ބައްދަލުވުމުގައި މެންބަރުންގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއިން ހުށައެޅުމުން، ނިންމެވި ނިންމެވުމެކެވެ.
24 އޮކްޓޯބަރ 2012ގައި އައި.ޕީ.ޔޫގެ ފަރާތުން ނެރުއްވި ނޫސް ބަޔާނުގައި ރައްޔިތުންގެ މަޖިލިހުގެ އެމް.ޑީ.ޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަތަކާއި ގުޅޭ ގޮތުން، އައި.ޕީ.ޔޫ އިން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ 2 އޮކްޓޯބަރ 2012 ވީ އަންގާރަވިލޭރޭ، ވަޅިން ހަމަލާދީ އަވަހާރަކޮށްލުމަކީ ސިހުން ގެނުވި ކަމެއްކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުގެ ދަޢުވަތުގައި މި ވަފްދު ރައްޔިތުންގެ މަޖިލީހާއި، ސަރުކާރާއި، އަދުލް އިންސާފް ޤާއިމްކުރާ ބާރާ އަދި ކަމާ ބެހޭ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރުމަށް ރާއްޖެއަށް ދަތުރުފުޅެއްކުރެއްވުމަށް ހަމަޖައްސަވާފައިވެއެވެ.