ޤައުމީ ތަރައްޤީގެ ކޮމިޓީގެ 13 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވެވި ޤައުމީ ތަރައްޤީގެ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި، ޤައުމީ ތަރައްޤީ ކޮމިޓީއިން ކުރަންޖެހޭ މަސައްކަތުގެ ތެރޭގަ ހިމެނިފައިވާ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ކަންކަން ހިނގާ ނުހިނގާގޮތް ބަލާ، ކަމާބެހޭ އިދާރާ / އޮފީސްތަކަށް އަންގަންޖެހޭ އެންގުމުގެ މަސައްކަތްތައް ފަށާނެ ގޮތަކާއިމެދު މަޝްވަރާކުރެއްވުމެވެ.

މިގޮތުން، ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާގުން ނިންމެވީ ދާއިރާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢު ހިންގާ ރާވާ ފަރާތްތަކާއި ބައްދަލުކޮށް، ރައްޔިތުންނާ އެކަން ޚިއްޞާ ކުރުމަށެވެ.

ބައްދަލުވުމުގައި ބައިވެރިވަޑައިގެންފައިވަނީ މުޤައްރިރު ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން ޢަބްދުﷲ ޙަމީދު އަދި ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒްއެވެ.