ކަރަންޓު ބިލު ނުދައްކައިގެން އެ ޙިދުމަތް ކަނޑާލުމަށް ސްޓެލްކޯއިން އިންޒާރުދެއްވާފައިވާތީ، މި މައްސަލައާއި ގުޅުންހުރި މުޢައްސަސާތަކާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބައްލާ ކޮމިޓީން ބައްދަލުކުރައްވައިފި

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި، ސަރުކާރުގެ ހިއްސާވާ ގިން މުއައްސަސާތަކުން ކަރަންޓު ބިލު ނުދައްކާ ގިނަ ދުވަސްވުމުން، އެ ޙިދުމަތް ކަނޑާލާނެ ކަމަށް ސްޓެލްކޯއިން އިންޒާރުދީފައިވުމުން، މި މައްސަލަ ބެއްލެވުމުގެ މަސައްކަތް ކުރައްވައިފިއެވެ.

އެގޮތުން މި މައްސަލައިގެ މަޢުލޫމާތު ސާފުކުރެއްވުމަށް ސްޓެލްކޯއާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން، މާލޭ ސިޓީ ކައުންސިލް، އަދި މާލޭ ހެލްތް ސާރވިސް ކޯޕަރޭޝަން ލިމިޓެޑްގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރައްވާ ސުވާލުކުރައްވާފައިވެއެވެ. ކަރަންޓު ބިލު ނުދެއްކި ގިނަ ދުވަސްވީ ކީއްވެގެންކަމާއި، ދައުލަތަށް މުޙިންމު މުއައްސަސާތަކުގެ ކަރަންޓު ކަނޑާލުމުގެ އިންޒާރު ސްޓެލްކޯއިން ދެއްވީ ކީއްވެގެންކަމާއި، އަދި މި ހުރިހާ އޮފީސްތަކަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ކޮމިޓީއަށް ވަނީ ހިއްސާކުރައްވާފައެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ، މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކެލާ ދާއިރާގެ މެންބަރު އަބދުﷲ މައުސޫމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު ސާލިޙް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިޤް، އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދެވެ.