ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން މަގާމުން ވަކިކުރުމަށް މަޖިލީހުގައި ނަގާ ވޯޓް ސިއްރުކުރުމަށް އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަހަރުގެ 24 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހުތައް ދިރާސާ ކުރެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.

މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ (ހ) އިސްލާޙްކުރެއްވުމަށާއި 173 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް އަދި 177 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ކޮމިޓީ އަށް އެވަގުތު ޙާޒިރުވެވަޑައިގެން ތިއްބެވި 4 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވާފައިވެއެވެ.

އެއީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 173 ވަނަ މާއްދާއަށް އިތުރުކުރެއްވުމަށް ކޮމިޓީން ފާސްކުރެއްވި އިސްލާޙަކީ އެގަވާއިދުގެ 172 އަދި 173 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގައާއި މަޖިލީހުގެ ކޮމިޓީތަކުގައި ވޯޓު ނަގަންޖެހޭ ޙާލަތްތަކުގައި ނަގާނީ ސިއްރު ވޯޓު ކަމުގައި ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާ އިސްލާޙެކެވެ. އަދި އެ ގަވާއިދުގެ 177 ވަނަ މާއްދާއަށް އިތުރުކުރުމަށް ކޮމިޓީން ފާސްކުރެއްވި އަކުރަކީ އެގަވާއިދުގެ 177 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނަގަންޖެހޭ ޙާލަތުގައި ނަގާނީ ސިއްރު ވޯޓުކަމުގައި ކަނޑައަޅުއްވުމަށް ހުށަހަޅުއްވާފައިވާ އިސްލާޙެކެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 172 އަދި 173 ވަނަ މާއްދާތަކަކީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގައި މަޖިލީހުން ޢަމަލުކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރާ މާއްދާތަކެވެ. އެ ގަވާއިދުގެ 177 ވަނަ މާއްދާގައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގައި ޢަމަލުކުރާނެ އުސޫލުތަކެވެ.

މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ (ދ) ގެ ދަށުން ޕާރލަމަންޓަރީ ސަރވިސް މުވައްޒަފުންނާގުޅޭ މައްސަލައެއް ކޮމިޓީން ދިރާސާކުރެއްވުމުގެ މަސައްކަތްކުރެއްވިއެވެ. އަދި އެ މައްސަލަ އިތުރަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ހޯއްދެއްވުމަށްފަހު އެހެން ބައްދަލުވުމެއްގައި ކުރިއަށްގެންދާގޮތަށް ނިންމަވާފައިވެއެވެ. ގަވާއިދުގެ 94 ވަނަ މާއްދާގެ (ދ) ގެ ދަށުން ޕާރލަމަންޓަރީ ސަރވިސް މުވައްޒަފުންގެ ކަންތައްތަކުގައި މަޖިލީހުގެ ރައީސާށް ލަފާދޭނީ މަޖިލީހުގެ ޢާންމު ކޮމިޓީންނެވެ.

އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ވަޑައިނުގަތުމުގެ ސަބަބުން، އެކޮމިޓީގެ ގަވާއިދުގައިވާ ގޮތުގެމަތިން ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމުގެ ނަންފުޅު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ.

އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަ އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ރަޝީދުއެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޢަބްދުއްރަޙީމް ހުންނެވީ ޗުއްޓީގައެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އަދި ކޮމިޓީގެ މުޤައްރިރުގެ ނައިބު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.