މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންޑިޔާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށާއި، ޗައިނާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށާއި، ފިލިޕީންސްއަށާއި، އޮސްޓްރޭލިޔާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުކަމަށާއި، އެކުވެރި ދަޢުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ދާއިމީ މަންދޫބުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވަ ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓްގައިވާ ނަންފުޅުތައް ފާސްކުރައްވައިފިއެވެ.
މިގޮތުން، އިންޑިޔާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް މ. ފުންފިނި / އަލްފާޟިލް މުޙައްމަދު ނަޞީރު ޢައްޔަން ކުރައްވުމަށް މަޖިލީހުގެ ރުހުން އޮތްކަމަށް ފެނިވަޑައިގަންނަވާކަމަށް 50 މެންބަރުން ވޯޓުދެއްވާފައިވާއިރު ނުފެންނަކަމަށް 2 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުންނުވާކަމަށް އެއް މެންބަރަކު ވޯޓުދެއްވާފައިވެއެވެ.
ޗައިނާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ހ.ކާނޭޝަންވިލާ / އަލްފާޟިލް މުޙައްމަދު ރަޝީދު ޢައްޔަން ކުރައްވުމަށް މަޖިލީހުގެ ރުހުން އޮތްކަމަށް ފެނިވަޑައިގަންނަވާކަމަށް 49 މެންބަރުން ވޯޓުދެއްވާފައިވާއިރު ނުފެންނަކަމަށް 1 މެންބަރުން ވޯޓުދެއްވާފައިވެއެވެ.
ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، މ.ކަލީ އަލްފާޟިލް ޙުސައިން ޝިހާބް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ އިތުރުން، ފިލިޕީންސްއަށާއި، އޮސްޓްރޭލިޔާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނޮން ރެސިޑަންޓް ސަފީރުކަމަށް ޢައްޔަންކުރައްވުމަށް މަޖިލީހުގެ ރުހުން އޮތްކަމަށް ފެނިވަޑައިގަންނަވާކަމަށް 49 މެންބަރުން ވޯޓުދެއްވާފައިވާއިރު ނުފެންނަކަމަށް 3 މެންބަރުން ވޯޓުދެއްވާފައިވެއެވެ.
އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، މ.ވެސްޓްސައިޑް / އަލްފާޟިލް އަޙްމަދު ސަރީރު، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ އިތުރުން، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ދާއިމީ މަންދޫބުކަމަށް ޢައްޔަން ކުރައްވުމަށް މަޖިލީހުގެ ރުހުން އޮތްކަމަށް ފެނިވަޑައިގަންނަވާކަމަށް 52 މެންބަރުން ވޯޓުދެއްވާފައިވާއިރު ނުފެންނަކަމަށް 2 މެންބަރުން ވޯޓުދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި، ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވައި ނިމުމުން މިރިޕޯޓަށް 4 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
މީގެއިތުރުން، 14:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ކޯރަމް ހަމަނުވުމުގެ ސަބަބުން ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންދަވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވާފައިވާ، ދައުލަތުގެ ބަޖެޓު ސަޕޯޓްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ކޮމްޕެނީ އިން ނަގާފައިވާތީއާއި، އަދި އެ ލޯނު ނުނަގާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ދޮގު މަޢުލޫމާތު ދީފައިވާތީވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން, ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، މިނިސްޓަރ އޮފް ފިނޭންސް ޢަބްދުﷲ ޖިހާދުގެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއާއި އެ ގަވާއިދުގެ 143 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރެއްވުމެވެ. މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ނިންމަވާލެއްވިއިރު ޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވީ 18 މެންބަރުންނެވެ.