ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މަޖިލީހުން ބިލު ބަލައިގަތުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން އެގޮތަށްވަނީ، އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. އަދި ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުންނުވާކަމަށް 2 މެންބަރަކު ވޯޓުދެއްވާފައިވެއެވެ.

މިބިލު ހުށަހަޅުއްވާފައިވަނީ ޑިސެމްބަރ މަހު ބަޖެޓް ފާސްކުރަން ސަރުކާރުން ހުށަހެޅުމުން ކޮންމެ އަހަރަކުވެސް ޑިސެމްބަރު 31 ގެ ކުރިން ބަޖެޓް ފާސްކުރަން އުޅުމުގައި ގިނަ ދަތިތަކެއް ކުރިމަތިވާތީ އާ އަހަރު ފެށުމުގެ ކުރިން ވަގުތު އޮވެގެން އެ އަހަރަށް ކަނޑައަޅާ ބަޖެޓް ފާސްކުރުމަށެވެ.