މިއަދު ބޭއްވުނު ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް އައްޝައިޚް މުޚައްމަދު ޝަހީމް ޢަލީ ސަޢީދު އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލުގެ ބައެއް މާއްދާތަކުގެ ތެރޭގައި ހިމެނޭ އަދަބު ކަނޑައެޅުމާއި، މުކައްލަފެއްގެ އުމުރާއި ގުޅޭގޮތުންނާއި އަދި ޖިންސީކުށާއި ބެހޭގޮތުން އަދި ބިލުގެ އެހެން މާއްދާތަކާބެހޭގޮތުން މިނިސްޓްރީގެ ބޭފުޅުންނާއި މަޝްވަރާކުރެއްވިއެވެ.
އަދި މިބައްދަލުވުމުގައި، މިބިލުގެ މަސައްކަތް ކުރުމަށް ކޮމިޓީއަށް ވެދެއްވެން އޮތް އެހީތެރިކަމެއް މިނިސްޓްރީގެ ފަރާތުން ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީއެވެ.