ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހުތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލެއްވި ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީގެ ރިޕޯޓް އެކޮމިޓީން ދިރާސާކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަހަރުގެ 23 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހުތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލެއްވި ޢާންމު ކޮމިޓީގެ ސަބް ކޮމިޓީގެ ރިޕޯޓް އާންމު ކޮމިޓީއިން ދިރާސާކުރައްވައިފިއެވެ.

މިގޮތުން، ކޯރަމް ހަމަނުވުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ޖަލްސާތައް މެދުކަނޑާލަން ޖެހޭފަދަ ޙާލައްތައް މެދުވެރިވަމުން އަންނާތީވެ، އެމައްސަލަ ޙައްލުކޮށްދެއްވުމަށް މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) އިސްލާޙްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އަދި މިމައްސަލައަކީ، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާ އިސްލާޙު ކޮށްގެންނޫނީ ހައްލު ކުރެވޭނެކަމެއް ނޫން ކަމަށް ކޮމިޓީން ކަނޑައަޅުއްވައި މަޖިލީހަށް ރިޕޯޓް ފޮނުއްވުމަށް ކޮމިޓީންގެ މެންބަރުން ހުށަހަޅުއްވައި ތާއިދުކުރައްވާފައިވެއެވެ. އެހެންނަމަވެސް، މިހުށަހެޅުމަށް ވޯޓުނެގުން އިހަށް ފަސްކުރެއްވުމަށާއި، ހަމައެއާއެކު މިމައްސަލައާ ގުޅިގެން މަޖިލިސް ތަމްސީލު ކުރައްވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުންގެ މަޝްވަރާ ހޯއްދެވުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމަވާފައިވެއެވެ. މިގޮތުން އެބޭފުޅުންނަށް މިމައްސަލައާއި ގުޅިގެން 14 ދުވަހުގެ މުހުލަތެއް ދެއްވުމަށާއި ލިޔުމުން އެބޭފުޅުންގެ ޚިޔާލުފުޅުތައް ހޯއްދެވުމަށް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

މިއަދު ބޭއްވުނު އާންމު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަ، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފްއެވެ. ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ. އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ހުންނެވީ ޗުއްޓީގައެވެ.