މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 10 ވަނަ ޖަލްސާ، ކުރިއަށް ގެންދިއުމަށް ބޭނުންވާ ޤާނޫނީއަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ވެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ މުޙަންމަދު ނިންމަވާލައްވައިފިއެވެ. މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލައްވަމުން، 7 ފަހަރެއްގެ މަތިން ޖަލްސާގެ ޤާނޫނީ އަދަދު ގެއްލިފައިވާކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ކޯރަމް ރަނގަބީލު ޖަހައި، 5 މިނެޓުވާއިރުވެސް، މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ހަމަނުވާނަމަ، އެޖަލްސާ އެހެން ވަގުތަކަށް މަޖިލީހުގެ ރައީސަށް ފަސްކުރެވިދާނެއެވެ. އަދި ހަމަ މިމާއްދާގެ (ނ) ގައިވާ ގޮތުން ޤާނޫނީ ޢަދަދަށްވުރެ މަދު އަދަދެކަމަށްވާނަމަ، މެންބަރުންނަށް 30 މިނެޓަށްވުރެ ދިގުނޫން މިންވަރަށް ހުސްވަގުތުކޮޅެއްދީ، ޤާނޫނީ ޢަދަދު ހަމަވޭތޯ މަޖިލީހުގެ ރައީސަށް ބެލިދާނެއެވެ. ނުވަތަ އެޖަލްސާ ނުބާއްވާގޮތަށްވެސް މަޖިލީހުގެ ރައީސަށް ނިންމިދާނެއެވެ.
މިއަދު މެންދުރު 14:10 ގައި ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންދަވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވާފައިވާ، ދައުލަތުގެ ބަޖެޓު ސަޕޯޓްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ކޮމްޕެނީ އިން ނަގާފައިވާތީއާއި، އަދި އެ ލޯނު ނުނަގާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ދޮގު މަޢުލޫމާތު ދީފައިވާތީވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން, ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، މިނިސްޓަރ އޮފް ފިނޭންސް ޢަބްދުﷲ ޖިހާދުގެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއާއި އެ ގަވާއިދުގެ 143 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރެއްވުމެވެ. މިއަދުގެ ޖަލްސާގައި މިޤަރާރަށް އެއް މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
މީގެ އިތުރުން، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ނިމުމުން ބިލު ހުށަހެޅުއްވި މެންބަރު ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފަހުބަސް އިއްވަވާފައިވެއެވެ. އަދި މިބިލު ބަލައިގަތުމަށް ވޯޓަށް އެއްސެވުން ދެން އޮންނަ ބައްދަލުވުމުގައި އޮންނާނެ ވާހަކަ ރިޔާސަތުން ވިދާޅުވިއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 23 އޮކްޓޯބަރ 2012 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގަ އެވެ.
