ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީގެ ދެވަނަ ބައްދަލުވުމެއް އިއްޔެ ބާއްވައިފި (25.5.2010)

ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި އެމެރިކާގެ ސަރުކާރާއި ދެމެދު އެއްބަސްވުންތަކެއް އެއްބަސްވެފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެން މިކަމުގެ ޙަޤީޤަތަކީ ކޮބައިކަން ބަލައިދެއްވުމަށް އެދިވަޑައިގެން ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްޓަކައި ޤައުމީ ސަލާމަތުގެ ކޮމިޓީގެ ދެވަނަ ބައްދަލުވުމެއް އިއްޔެ ބާއްވައިފިއެވެ.

އިއްޔެގެ ބައްދަލުވުމަށް މިމައްސަލައާ ގުޅޭގޮތުން ކޮމިޓީއިން އޮޅުންފިލުއްވަން ބޭނުންފުޅުވާ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަލްފާޟިލް އަޙްމަދު ނަސީމްއާއި ޑެޕިއުޓީ އެޑިޝަނަލް ސެކެރެޓަރީ އަލްފާޟިލާ އައިޝަތު ލިޔުޝާ ޒާހިރު އަދި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކޮންޓްރޯލް އިލްޔާސް ޙުސައިން އިބްރާހީމް ކޮމެޓީއަށް ޚާޒިރުވެވަޑައިގެންދެއްވުމަށް ދަންނަވާފައިވަނިކޮށް މިކޮމެޓީގެ ބައްދަލުވުމަށް ޚާޒިރުވެވަޑައިގަތުމަށް އެބޭފުޅުންވަނީ އުޒުރުވެވަޑައިގެންފައެވެ. މިބޭފުޅުން މަޖިލީހަށް އަންގަވާފައިވަނީ މަޖިލީހުގެ ގަވައިދުގެ 5، 109 އަދި 121 ވަނަ މާއްދާތަކަށް ރިއާޔަތްކުރާއިރު މަޖިލީހުގެ ކޮމެޓީތަކަށް މީހުން ހާޒިރުވާން އަންގާ ލިޔުމުގައި މަޖިލީހުގެ ރައީސް ސޮއިކުރެއްވުމަށް ބަޔާންކުރައްވާފައިވާހިނދު، ހަވާލާދީފައިވާ ސިޓީތަކުގައި ސޮއިކުރައްވާފައިވަނީ ލީގަލް ކައުންސެލް އަލްއުސްތާޛާ ފާތިމަތު ނިއުޝާ ކަމުގައެވެ.

އެހެންކަމުން އިއްޔެ ބޭއްވުނު ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 132 ވަނަ މާއްދާގެ (ކ)ގެ ދަށުން އެބޭފުޅުން ކޮމެޓީއަށް ޚާޒިރުކުރެއްވުމަށް އަމުރެއް ކުރެއްވުމަށް ވޯޓަށް އައްސަވައި ކޮމެޓީއަށް ޚާޒިރުވެވަޑައިގެން މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ. އެހެންކަމުން 25 މެއި 2010 ގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ މިކޮމެޓީގެ ބައްދަލުވުމަށް އަލުން މިބޭފުޅުން ވަޑައިގެން ދެއްވުމަށްވަނީ ކޮމެޓީގެ ފަރާތުން އަންގަވާފައެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރު މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމަށް  މިކޮމެޓީގެ 7 މެމްބަރުން ޚާޒިރުވެވަޑައިގެންނެވިއެވެ. އެއީ ގެމަނަފުށި ދާއިރާގެ މެންބަރު އަލްފާޟިލް އިލްހާމް އަޙްމަދުއާއި ފެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ނައީމާއި ތޮއްޑޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ވަޙީދުއާއި މަތިވެރި ދާއިރާގެ މެންބަރު އަލްފާޟިލް ޙުސައިން މުޙަންމަދުއާއި މަނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޠާރިޤްއާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުލްޣަފޫރު މޫސާ އަދި ގުރައިދޫ ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ރިޒާއެވެ.