މިއަދުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި ކޮނީ ރިޕޯޓު ދިރަސާކުރެއްވުމުގެ މަސައްކަތާއި ބެހޭގޮތުން މަޝްވަރާކުރައްވައިފި

 

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޮނީ) އިން ނެރެފައިވާ ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރިއަށް ގެންދަވައިފިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 132 ވަނަ މާއްދާގެ (ކ) ގެ ދަށުން، ކޮމިޓީއިން ކުރާ މަސައްކަތާއި ގުޅޭގޮތުން މީހަކު ހާޒިރުކުރުމައްޓަކައި، ހާޒިރުވުމަށް އަމުރެއް ކުރެވޭނީ ނަގާ ވޯޓަކުން ކަމަށް ވާތީ، ވޯޓު ނަންގަވައި، 05 މެންބަރުންގެ އަޙުލަބިއްޔަތުން ވޯޓުވަނީ ފާސްކުރައްވާފައެވެ. މިވޯޓު ނެގިފައިވަނީ، ކޮމިޓީ ބައްދަލުވުމުގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 3 ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުވުމަށް އެދިވަޑައިގެން، އެގޮތުން ކޮމިޓީއަށް ހާޒިރުކުރެއްވުމަށް، ކަނޑައެޅިގެން ބަޔާންކުރުމަށެވެ.

އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް ހުށައެޅުއްވި ދިވެހިރާއްޖޭގެ އާކައިވްސް ގެ ޤާނޫނު، ގެޒެޓު ކުރެވިފައިޥާއިރު، އެ ޤާނޫނު ތަންފީޒުކުރުމައް އެކަށީގެންވާ މިންވަރަކަށް ފިޔަވަޅު ނޭޅިފައިވާ މައްސަލައާއި ގުޅިގެން މައުލޫމާތު ސާފުކުރުމައްޓަކައި އެޓަރނީ ޖެނެރަލް އާޒިމާ ޝުކޫރާއި ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު ކޮމިޓީއަށް ވަޑައިގަތުމަށް ދެންނެވުމަށް މިއަދުގެ  ބައްދަލުވުމުގައި ނިންމެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޠާރިޤް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.