މިއަދު ކުރިއަށްގެންދެވި މާލިއްޔަތު ކޮމިޓީގެ 54 ވަނަ ބައްދަލުވުމުގައި ދައުލަތުގެ އޮފީސްތައް އޮޑިޓްކުރެއްވުމުގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ޚިޔާނާތާއި، ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާކަމަށް ތިހުމަތު ކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުންނާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލައާއި އަދި އެމައްސަލަތައް ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އޮޑިޓް އޮފީހުގެ ބޭފުޅުންނާ އަދި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވާފިއެވެ.
މިގޮތުން، ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ޙާއްސަ އޮޑިޓް ރިޕޯޓާއި ގުޅޭ ގޮތުންނާއި، މާލެއާއި އަތޮޅުތަކުން ބޭސް ހުސްވެ ރައްޔިތުންނަށް ލިބެންޖެހޭ ކުއްލި ފަރުވާއާއި ބޭހުގެ ޚިދުމަތް ހުއްޓިފައިވުމާ ގުޅޭގޮތުން ފާހަގަކުރެވޭ މައްސަލަތަކާއި މެދު އިތުރު މަޢުލޫމާތު ސާފުކުރެއްވުމުގެ ގޮތުން އޮޑިޓަރ ޖެނެރަލްއާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިސް ބޭފުޅުންނާއި އަދި ސިވިލް ސަރވިސް ކޮމިޝަންގެ އިސް ބޭފުޅުންނާ، މާލިއްޔަތު ކޮމިޓީންވަނީ ބައްދަލުކުރައްވާފައެވެ.
މިގޮތުން ސިވިލް ސަރވިސް ޤާނޫނުގެ 18 (ށ) ވަނަ މާއްދާ އާއި 34 (ރ) ވަނަ މާއްދާއާއި އަދި ވަޒީފާ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، ސިވިލް ސަރވިސްގެ ފަރާތުން އިހުމާލުވާ މުވައްޒަފުންނާއި ދޭތެރޭ ފިޔަވަޅުއަޅަން ޖެހޭ ކަންތައްތައް ތަޙުޤީގު ކޮށް، ފިޔަވަޅު އެޅުމާއި ބެހޭގޮތުން، މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ.
