މާލިއްޔަތު ކޮމިޓީގެ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވުމުގެ ގޮތުން، މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފިއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ އިތުރުން، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.
ނޫސްވެރިންނަށް ދެއްވި މަޢުލޫމާތުގެ ތެރޭގައި، މަސްވެރިންނަށް ލިބިދިނުމަށް 2012 ވަނަ އަހަރުގެ ބަޖެޓުން ކަނޑައަޅުއްވާފައިވާ 100 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމަށް ކޮމިޓީން ފާސްވެފައިވާތީ އެކަމާއި ބެހޭ ތަފްސީލާއި، އެންޓި-ކޮރަޕްޝަން ކަމިޝަން (އޭ.ސީ.ސީ) ގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެދިވަޑައިގެން ކޮމިޓީން އޭ.ސީ.ސީއަށް އަންގަވާފައިވާތީ، އެކަމާއި ބެހޭ މަޢުލޫމާތު ހިމެނެއެވެ.
އެގޮތުން ދެއްކެވި ވާހަކަފުޅުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން މަސްވެރިންނަށް ސަބްސިޑީ ދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުން ފާސްކުރައްވާފައިވަނީ، މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ގިނަ ދިރާސާތަކެއް ކުރައްވާ، މިނިސްޓްރީއާއި އެކު މަޝްވަރާކުރެއްވުމަށްފަހު ބޮޑެތި ބަދަލުތަކެއް ގެންނަވައިގެން ކަމަށް މުޤައްރިރު ވިދާޅުވިއެވެ. އަދި އޮޑިދޯނިފަހަރުގެ ބޮޑުމިނަށް ބަލާފައި ސަބްސިޑީ ދޭ އުސޫލުގެ ބަދަލުގައި، މި އަހަރު ސަބްސިޑީ ދޭން ނިންމަވާފައިވަނީ ދޯނީގައި ހަރުކޮށްފައިވާ އިންޖީނުގެ ހޯސްޕަވަރުގެ ނިސްބަތަށް ބައްލަވައިގެން ކަމަށްވެސް ވިދާޅުވިއެވެ.
އަދި މަސްވެރިންނަށް ސަބްސިޑީ ދިނުމަށް މިނިސްޓްރީން ހުށަހަޅާފައިވާ ހުށަހެޅުމުގެ މަސައްކަތް ޖުލައި މަހު ނިންމަވާލައްވާފައިވާކަމަށާއި، ނަމަވެސް ކޮމިޓީން މި ކަރުދާސް ފާސްކުރުން ލަސްވެފައިވަނީ ސީޔާސީ ހަލަބޮލިކަމުގެ އަސަރު މަޖިލީހަށް ކޮށް، މަޖިލީހުގެ މަސައްކަތްތަކަށް ބުރޫ އަރާފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވިއެވެ.
