މަސްވެރިންނާއި އޮޑިވެރިންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާއި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް މަޖިލީހަށް ހުށަހެޅުނު މައްސަލައާ ގުޅިގެން މަޖިލީހުން ހޮއްވެވި ކޮމިޓީގެ ރިޕޯޓު ފާސްކުރައްވައިފި

މަސްވެރިންނާއި އޮޑިވެރިންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާއި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މައުޞޫމް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުން ހޮއްވެވި ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މި ރިޕޯޓް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ރިޕޯޓްގައި ނިންމަވާފައިވަނީ މި ކޮމިޓީގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ބޭފުޅުންނާއި އަދި އައްޑޫއަތޮޅާއި ޏ.އަތޮޅާއި ގދ.އަތޮޅުގެ ބައެއް މަސްވެރިންނާއި ކެޔޮޅުންނާއި އޮޑިވެރިންނާއި ބައްދަލުކުރުމުން ފާހަގަކުރެވިފައިވާ މައްސަލަތައް މިޞިނާޢަތަށް ދިމާވެފައިވާކަމަށް ފާހަގަކުރެވޭތީ، މިމައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާމެދު މަޖިލީހުން ގޮތެއް ނިންމަވާދެއްވުމަށް ހުށަހެޅުމަށެވެ.

މި ރިޕޯޓް ފާސްކުރެއްވުމަށްފަހު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާތޯ ވޯޓަށް އައްސަވާފައިވެއެވެ. އެހެންނަމަވެސް މި ބިލު ބަލައިގަތުމަށް ފާހެއްނުވިއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި   ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޖިނާޢީ ޢަދުލުގެ ނިޒާމު ރަނގަޅުގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އެހެނިހެން ބިލުތަކުގެ ތެރެއިން ކޮންމެހެން ފާސްކުރަންޖެހޭ ބިލުތައް ފާސްކުރުމަށް ގޮވާލުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާ ޤަރާރަށް ބަހުސްކުރައްވާފައިވެއެވެ.

ނިޒާމްގެއްލި މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުންދިޔައީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 22 އޮކްޓޯބަރ 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގަ އެވެ.

17 އޮކްޓޯބަރ 2012