ޖިނާއީ އިޖުރާއަތުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވަވާފައިވާ ޤައުމީ ސަލާމަތުގެ ސަބްކޮމިޓީގެ ތިންވަނަ ބައްދަލުވުން ސަރުކާރުގެ އިދާރާތަކާ، މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުންނާއެކު ބާއްވައިފިއެވެ. އަދި މިބައްދަލުވުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރާއި، އެކޮމިޓީގެ މެންބަރުން ބައިވެރިވެވޑައިގެންނެވިއެވެ.
މިބިލު ދިރަސާކުރެއްވުމަށް ކޮމިޓީން ކަނޑައަޅުއްވާފައިވާ ޝެޑިއުލްއާ އެއްގޮތަށް ބިލާއި ގުޅޭގޮތުން ފާހަގަކުރައްވާ އުސޫލީ މައްސަލަތައް ހުށަހެޅުއްވުމަށް ބޭއްވުނު މިބައްދަލުވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުއިއްޒު އާއި އެޓާރނީ ޖެނެރަލް އަލްއުސްތާޛާ އާޒިމާ ޝަކޫރު އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޑރ.މުހައްމަދު ޖަމީލް އަހުމަދު ޙާޒިރުވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ކްރިމިނަލް ކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ އިސް ބޭފުޅުންވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ މިބައްދަލުވުމުގައި، ކޮންމެ މުއައްސަސާއަކުންވެސް ޖިނާއީ އިޖުރާއަތުގެ ބިލުގެ 21 ވަނަ ބާބުގެ ނިޔަލަށް ފާހަގަކުރައްވާ ކަންކަން 21 އޮކްޓޯބަރ 2012 ގެ ކުރިން ލިޔުމުން ހުށަހެޅުއްވުމަށް ނިންމެވުމާއި، އަދި އެދުވަހުގެ ރޭގެ ވަގުތެއްގައި މިބިލު ދިރާސާކުރެއްވުމުގެ އިތުރު ބައްދަލުވުމުއް ބޭއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދުއެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުންގެ ތެރެއިން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.