ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 52 ވަނަ ބައްދަލުވުމުގައި، ދައުލަތުގެ ބަޖެޓު ސަޕޯޓްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ކޮމްޕެނީ އިން ނެގި މައްސަލައާއި ބެހޭ ގޮތުން ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު، އޮޑިޓަރ ޖެނެރަލާއި މިއަދު ސުވާލުކުރައްވައިފިއެވެ.
މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން، ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު، 8 ޖުލައި 2012 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް އަށް ހުށައެޅިފައިވާ ސިޓީއާއި ހަވާލާދީ، އޮޑިޓަރ ޖެނެރަލާއި ސުވާލުކުރެއްވުމަށް 20 މިނެޓު، މައި ސުވާލަށް ޖަވާބު ދެއްވުމަށް 05 މިނެޓު، އަދި ކޮންމެ އިތުރު ސުވާލަކަށް ޖަވާބު ދެށްވުމަށް އޮޑިޓަރ ޖެނެރަލަށް 02 މިނެޓުގެ ފުރުސަތެއް މިއަދުގެ ކޮމިޓީގައި، މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ދެއްވިއެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އެއްސެވި ސުވާލުގައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި 1 ވަނަ މާއްދާއާ ޚިލާފަށް، މި މައްސަލަ އޮޑިޓަރ ޖެނެރަލް މެދުވެރިކޮށް ބަލަން ބޭނުންފުޅުވާކަމެވެ. އަދި ދިވެހި ދައުލަތް ޚިއްސާވާ ބޭންކް އޮފް މޯލްޑިވްސް އިން މިކަން ކޮށްފައިވާއިރު، އެކަން ބައްލަވައި ދެއްވުމަށް އޮޑިޓަރ ޖެނެރަލްގެ އަރިހުގައި އެދިލެއްވިއެވެ.
އޯޑިޓަރ ޖެނެރަލްގެ ޖަވާބުގައި އުސޫލެއްގެ ގޮތުގައި ކުރައްވާ މަސައްކަތާ ގުޅިގެންކަމަށާއި، ނަމަވެސް އޮޑިޓަރ ޖެނެރަލް މެދުވެރިކޮށް، އޮޑީޓަރ ޖެނެރަލް އޮޑިޓްކޮށް މި ރިޕޯޓު ނެރުއްވުމުން، މި އޮޑިޓް އެސައިންމަންޓްގެ ތެރޭގައި، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެކަމަށް ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި ޕްރެކްޓިކަލީ ވިސްނަންޖެހޭ ކަންތައްތަކާ، އޮފީހުގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން، މި ޕަބްލިކް ޑެބްޓް ބެއްލެވުމަށްޓަކައި، އޮޑިޓަރ ޖެނެރަލް މަސައްކަތްކުރައްވާ، އޮޑިޓް ރިޕޯޓުގައި ތަފްސީލު ހާމަކުރައްވާނެކަމަށް ވިދާޅުވިއެވެ. މިގޮތުން މިދިޔަ 05 އަހަރު ތެރޭގައި ދައުލަތުން ނެގުނު ހުރިހާ ލޯނެއް ނެގިފައިހުރީ ޤާނޫނާ ޤަވާއިދާ އެއްގޮތަށްތޯ ބައްލަވައި، އެކްސެޕްޝަންސްތަށް ހުރިގޮތަށް ރިޕޯޓުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި ދައުލަތުގެ މުއައްސަސާތަކުން މަޢުލޫމާތު ފޯރުކޮށްދޭ މިންވަރަކުން، އޮޑިޓްކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީގައި ފިނޭންސް މިނިސްޓްރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޖަވާބެއް ހޯއްދެވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުން، މަޖިލީހުގަ ތަޅުމަށް ގަރާރެއްގެ ސިފައިގައި މިމައްސަލަ ވަނީ ހުށައެޅިފައެވެ.
މީގެ އިތުރުން، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އަށް 2009 އަދި 2010 ވަނަ އަހަރަށް ދޫކުރި ބަޖެޓުން 24 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ފެންމަތި ކޮށްފައިވާތީ އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކުރަން މިއަދުގެ ބައްދަލުވުމުގައި، ނިންމެވިއެވެ.
މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަދި ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ.
