މަޖިލީހުގެ ޖަލްސާތަކާ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަންނަވާ ނޫސްވެރިން އަމަލު ކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ އުސޫލްތައް ދިރާސާ ކުރެއްވުމަށް ހޮއްވަވާފައިވާ ސަބް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، ކޮމިޓީގެ މުޤައްރިރުކަމަށް ކޮމިޓީގެ އިއްތިފާޤުން ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ހޮވުނެވެ. އަދި ނާއިބު މުގައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު ހޮވުނެވެ.
އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ އަޑާއި މަންޒަރު ރެކޯޑްކުރުމާއި ބޭނުންކުރުމާއި ބްރޯޑްކާސްޓްކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު އާއި ރައްޔިތުންގެ މަޖިލީހުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ގަވާއިދުއާ ބެހޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، މިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުޙުސިން ޙަމީދު، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒްއެވެ.