އިޖްތިމާޢީ ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައި، “ޤާނޫނު ނަންބަރު 2/2008 ވަޒީފާއާއިބެހޭ ޤާނޫނަށް ވަނަ އިޞްލާޙް ގެނައުމުގެ ބިލު” އިޖުތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީއިން ނިންމެވި ރިޕޯޓަށް މަޝްވަރާކުރެއްވުމަށްފަހު، އުވާލުމަށް އެދެފައިވާ މާއްދާތައް އުވާލުމަށް ކޮމިޓީން ނިންމެވިއެވެ.
އެއަށްފަހު، ޕެންޝަން އާއި ބެހޭ ބިލު ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއަށް ހަވާލުކުރެއްވެވިއެވެ. މިގޮތުން “ޤާނޫނު ނަންބަރު 2/2008 ވަޒީފާއާއިބެހޭ ޤާނޫނަށް ވަނަ އިޞްލާޙް ގެނައުމުގެ ބިލު” ދިރާސާ ކުރެއްވެވި ސަބް ކޮމިޓީއަށް ޕެންޝަން އާއި ބެހޭ ބިލު ބެލުމަށް ހަވާލުކުރުމަށް ނިންމެވިއެވެ. އަދި “މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ބިލު” އާއި “އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު” ދިރާސާ ކުރައްވަވާ ސަބް ކޮމިޓީއަށް މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލްގެ ނަން އިތުރު ކުރުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހެޅުއްވެވިއެވެ. މި ހުށަހެޅުއްވުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ތާޢީދުކުރެއްވެވިއެވެ.
މިބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުހައްމަދު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދު، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މަޢުސޫމް، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ތިނަދޫ ދާއިރާގެ މެންބަރު އަޙްމަދު ޤަސަމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލްއެވެ.