މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަހަރުގެ 22 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލެއްވި ސަބް-ކޮމިޓީގެ ރިޕޯޓުގައި ހިމެނިފައިވާ 2 އިޞްލާޙެއް ކޮމިޓީން ފާސްކުރައްވައިފިއެވެ.
މިގޮތުން، ކޮމިޓީގެ މިބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރެއްވި ފުރަތަމަ އިޞްލާޙަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަޙުގީގު ކުރިއަށް ގެންދެވެން ނެތް ޙާލަތެއްގައި މެންބަރަކު ހައްޔަރު ކުރަން ޖެހިއްޖެ ހިދެއްގައި މެންބަރުން ހައްޔަރު ކުރާތާ ލަސްވެގެން 15 މިނެޓް ތެރޭގައި މަޖިލީހުގެ ރައީސަށް ނުވަތަ އަަމީން ޢާންމަށް އަންގަވަންވާނެ ކަމަށް ބަޔާންކޮށް މަޖިލީހުގެ ގަވާއިދުގެ 202 (ށ) އަށް ހުށަހަޅުއްވާފައިވާ އިޞްލާހުއެވެ.
އަދި، ރައްޔިތުންގެ މަޖިލީހުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް ނުދެއްކޭނެކަމަށް ބަޔާންކޮށް މަޖިލީހުގެ ގަވައިދުގެ 219 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙު، ކޮމިޓީން ގެނައި ބަދަލުތަކާއިއެކު ކޮމިޓީގެ ބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ.
އެއަށްފަހު، މިއަދުގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކެއުމާއި ސައިފޮދު ހަމަ ޖެއްސުމުގައި އެއްވެސް އުޞޫލެއް އޮތްތޯ ބެލުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީ ދިރާސާކުރެއްވުމަށްފަހު، ކޮމިޓީން ނިންމަވާފައިވަނީ މަޖިލީހުގެ އިދާރާއިން އިޢުލާންކޮށްގެން ހުށަހަޅުއްވާ 3 ފަރާތަކުން އެންމެ ރަނގަޅު ފަރާތެއް ބެލުމަށްފަހު، އެފަރާތަކާ ޙަވާލުކޮށްގެންކަމުގައި އެމުއައްސަސާއަށް ޖަވާބު ފޮނުވުމަށެވެ.
މީގެއިތުރުން، ޢާންމު ކޮމިޓީތަކުގައި ހުރި ސަބް-ކޮމިޓީތަކަށް އަލުން މެންބަރުން ޢަޔަންކުރެއްވުން ކުރިއަށް ގެންދެވިއެވެ. މިގޮތުން މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހިމެނިވަޑައިގަންނާ އާންމު ކޮމިޓީގެ ސަބް-ކޮމިޓީތަކަށް އެމަނިކުފާނުގެ ބަދަލުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް ހަމަޖެއްސެވިއެވެ. އަދި ދުވާފަރު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޒުބައިރު ހިމެނިވަޑައިގަންނާ އާންމު ކޮމިޓީގެ ސަބް-ކޮމިޓީތަކަށް އެމަނިކުފާނުގެ ބަދަލުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހަމަޖެއްސެވިއެވެ.
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ހާޒިވެވަޑައިގެންނެވި މެންބަރުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ ، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުއެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ހުންނެވީ ޗުއްޓީގައެވެ.