ޤާނޫނު ނަންބަރު 72/78 (ހުޅުލެއަށް އެރުމާބެހޭ ޤާނޫނު) އުވާލުމުގެ ބިލު ފާސްކުރައްވައިފި

މިއަދު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 79 ވަނަ ޖަލްސާގައި ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 72/78 (ހުޅުލެއަށް އެރުމާބެހޭ ޤާނޫނު) އުވާލުމުގެ ބިލު އެވަގުތު ޖަލްސާއަށް ޙާޒިރުވެޑައިގެން ވޯޓުގައި ބައިވެރިވެޑައިގެން 42 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 72/78 (ހުޅުލެއަށް އެރުމާބެހޭ ޤާނޫނު) އުވާލުމުގެ ބިލު ފާސްކުރެއްވުމަށްފަހު ކުރިއަށްގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާއެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި މިބިލްގެ ރިޕޯޓް ކުރުމުގެ މަރުޙަލާ ކުރިއަށް ގެންދަވަނިކޮށް ރިޕޯޓާމެދު ވަރަށްގިނަ މެންބަރުން ޚިޔާލުތަފާތުވުން އުފެދުމުގެ ސަބަބުން 10:08 ގައި ޖަލްސާ ކުރިއަށް ނުގެންދެވިގެން ރިޔާސަތުން ޖަލްސާ ނިންމަވާލައްވާފައެވެ. އެއަށްފަހު، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު 11:02 ގައި ޖަލްސާ ފަށްޓަވައި ރިޔާސަތުން ނިންމެވީ އިސްލާޙުތައް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ފޮޓޯކޮޕީ ހެއްދެވުމަށްފަހު، މިރޭ 8:30 ގައި ޖަލްސާބޭއްވުމަށެވެ.

މިއަދުގެ ޖަލްސާގައި، މަސްތުވާތަކެއްޗާބެހޭ ބިލު 2009 ގެ ދެވަނަ ކިޔުން އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު ދިރާސާކުރައްވާ ފުރިހަމަކުރެއްވި ގޮތުގެ ރިޕޯޓް ހުށަހެޅުމާއި، އެބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާއާއި ތިންވަނަ ކިޔުން 31 ޑިސެމްބަރ 2009 ވާ ބުރާސްފަތި ދުވަހު، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 82 ވަނަ ޖަލްސާގައި އޮންނާނެކަމަށް ރިޔާސަތުން އިޢުލާންކުރެއްވިއެވެ.