ޖިނާއީ އިޖުރާއަތުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވަވާފައިވާ ޤައުމީ ސަލާމަތުގެ ސަބްކޮމިޓީގެ ދެވަނަ ބައްދަލުވުން، މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނާއި ދަޢުލަތުގެ އިދާރާތަކުގެ ބޭފުޅުންނާއެކު ބާއްވައިފިއެވެ. އަދި މިބައްދަލުވުމުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ބައިވެރިވެވޑައިގެންނެވިއެވެ.
މިބިލު ދިރަސާކުރެއްވުމަށް ކޮމިޓީން ކަނޑައަޅުއްވާފައިވާ ޝެޑިއުލްއާ އެއްގޮތަށް ކޮމިޓީގައި މަސައްކަތް ކުރިއަށްގެންދެވިއިރު، މިބިލާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުއިއްޒު އާއި އެޓާރނީ ޖެނެރަލް އަލްއުސްތާޛާ އާޒިމާ ޝަކޫރު ޙާޒިރުވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ކްރިމިނަލް ކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ބޭފުޅުންވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ މިބައްދަލުވުމުގައި، ކޮންމެ މުއައްސަސާއަކުންވެސް ޖިނާއީ އިޖުރާއަތުގެ ބިލާއި ގުޅޭގޮތުން ފާހަގަކުރެވޭ އުސޫލީ ކަންކަން ފާހަގަކުރައްވާފައިވެއެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މެންބަރުންގެ ތެރެއިން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.