ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްމަރުޙޫމް ޑރ.އަފްރާޝީމް ޢަލީގެ ޢާއިލާއަށް މާލީ ޢިނާޔަތް ހަމަޖެއްސުމާބެހޭ މައްސަލަ ދިރާސާކުރެއްވުމަށް ޢާންމު ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
ޢާންމު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 45 މެންބަރުންނެވެ. 3 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. އަދި އެއްވެސް މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައެއްނުވެއެވެ.
ޢާންމު ކޮމިޓީން ނިންމެވީ މެންބަރުގެ މަޤާމުގެ މުސާރައިގެ ގޮތުގައި ޑޜ.އަފްރާޝީމް ޢަލީ އަށް ލިބިވަޑައިގެންނެވި 42،500 ރުފިޔާ އާއި ލިވިންގް އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންނެވި 20،000 ރުފިޔާ އާއެކު ޖުމްލަ 62،500 ރުފިޔާ ކޮންމެ މަހަކު އެމަނިކުފާނުގެ އަނބިކަނބަލުންނާއި ތިން ބޭފުޅުންނަށް ހަމަޔަށް ބަހައި ދެމުން ގެންދިޔުމަށެވެ. މިގޮތުން އަނބިކަނބަލުން ޤުރައިޝާ މުޙައްމަދު އަލުން ޖަވާޖީ ޙަޔާތެއް ފެއްޓެވުމާއި ހަމަޔަށް މުސާރައާއި ލިވިންގް އެލަވަންސްގެ ހަތަރު ބައިކޮޅަ އެއްބައި ދިނުމަށެވެ. އަދި ދަރިކަލުން އައްޔޫބް އަފްރާޝީމް އާއި ރުމައިޞާ އަފްރާޝީމް އަދި ޢައްޔާޝް އަފްރާޝީމް 18 އަހަރު ފުރެންދެން، ކޮންމެ ދަރިކަލަކަށް މުސާރައާއި ލިވިންގް އެލަވަންސްގެ ހަތަރު ބައިކުޅަ އެއްބައި ދިނުމަށެވެ.
މައްސަލަ ދިރާސާކުރެއްވުމަށް ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އިޞްލާޙެއް ހުށަހަޅުއްވާފައިވެއެވެ. އެއީ މެންބަރުގެ މަޤާމުގެ މުސާރައިގެ ގޮތުގައި ޑރ.އަފްރާޝީމް ޢަލީ އަށް ލިބިވަޑައިގެންނެވި 42،500 ރުފިޔާ އާއި ލިވިންގް އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންނެވި 20،000 ރުފިޔާ އާއެކު ޖުމްލަ 62،500 ރުފިޔާގެ 50 އިންސައްތަ ކޮންމެ މަހަކު އެމަނިކުފާނުގެ އަނބިކަނބަލުންނާއި ތިން ބޭފުޅުންނަށް ހަމަޔަށް ބަހައި ދެމުން ގެންދިޔުމަށެވެ. ނަމަވެސް މި އިޞްލާޙް ފާސްވެފައެއް ނުވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސް މިއަދު ކުރިއަށް ގެންދަވާފައިވެއެވެ. މިބިލަށް ބަހުސް ޖުމްލަ 9 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްމަރުޙޫމް ޑރ.އަފްރާޝީމް ޢަލީގެ ޢާއިލާއަށް މާލީ ޢިނާޔަތް ހަމަޖެއްސުމާބެހޭ މައްސަލަ ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް އަށް ބަހުސް ކުރައްވާފައިވެއެވެ. މިގޮތުން ޖުމްލަ 5 މެންބަރުން މިރިޕޯޓަށް ވާހަކަ ދައްކަވާފައިވެއެވެ.
މިއަދު ކުރިއަށް ގެންދެވުނު ޖަލްސާގެ މެންދުރުފަހު ދަންފަޅީގެ ޤާނޫނީ އަދަދު ހަމަނުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.
މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްގެންދިޔުމަށް ބޭނުންވާ ޤާނޫނީ އަދަދުކަމުގައި ބަލާނީ، މަޖިލީހުގެ މެންބަރުންގެ 25 އިންސައްތަ އެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 އޮކްޓޯބަރ 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގަ އެވެ.
