މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ނެރެފައިވާ ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ މައްސަލަތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ގޮތުން މިނިސްޓަރ އޮފް ހޯމް އެފެއަރސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ކޮމިޓީއަށް ހާޒިރުކުރައްވައިފިއެވެ.
ނަމަވެސް ކޮމިޓީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުމުގެ ސަބަބުން ކޯނީގެ ރިޕޯޓްގައި ބަޔާންކުރެވިފައިވާ މައްސަލަތަކާއި ގުޅިގެން ހޯމް މިނިސްޓަރާއި ސުވާލު ކުރެއްވުން ވަނީ ކުރިއަށްނުގެންދެވިފައެވެ. އަދި ކޮމިޓީ މެދުކަނޑާލަން ޖެހިފައިވެއެވެ.
އެއަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 3 ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުވުމަށް އެދިވަޑައިގެން އެ ކޯޓަށް ކޮމިޓީގެ މުޤައްރިރު ފޮނުއްވާފައިވާ ސިޓީގެ ރައްދު އިއްވުން ކުރިއަށްގެންދަވާފައިވެއެވެ. އެގޮތުން ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އެދިވަޑައިގެންފައިވާ ފަނޑިޔާރުން ކަނޑައެޅިގެން ބަޔާންކޮށްފައިނުވާކަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޠާރިޤް، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސެއިން މަނިކު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.