ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ޢާއިލާއަށް މާލީ ޢިނާޔަތް ހަމަޖެއްސުމާބެހޭ މައްސަލަ ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ޢާއިލާއަށް މާލީ ޢިނާޔަތް ހަމަޖެއްސުމާބެހޭ މައްސަލަ ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިރިޕޯޓް ހުށަހަޅުއްވައިދެއްވީ ޢާންމު ކޮމިޓީގެ ނާއިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު އާމިރު އެވެ. މިގޮތުން މިއަދުގެ ޖަލްސާގައި މިރިޕޯޓަށް ޖުމްލަ 4 މެންބަރަކު ވާހަކަ ދައްކަވައި އިޞްލާޙެއް ހުށަހަޅުއްވާފައިވެއެވެ.

މިރިޕޯޓްގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވާފައިވާ، ދައުލަތުގެ ބަޖެޓު ސަޕޯޓްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ކޮމްޕެނީ އިން ނަގާފައިވާތީއާއި، އަދި އެ ލޯނު ނުނަގާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ދޮގު މަޢުލޫމާތު ދީފައިވާތީވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، މިނިސްޓަރ އޮފް ފިނޭންސް ޢަބްދުﷲ ޖިހާދުގެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއާއި އެ ގަވާއިދުގެ 143 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވިއެވެ.

މިޤަރާރަށް ޖުމްލަ 11 މެންބަރުން މިއަދު ވާހަކަ ދައްކަވާފައިވެއެވެ.

އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ގެ ބަހުސްވެސް މިއަދުގެ ޖަލްސާގައި ކުރިއަށްގެންދަވާފައިވެއެވެ. މިބިލަށް ވާހަކަ ދެއްކެވީ 5 މެންބަރުންނެވެ.

މިއަދު ކުރިއަށް ގެންދެވުނު ޖަލްސާގެ މެންދުރުފަހު ދަންފަޅީގެ ޤާނޫނީ އަދަދު ހަމަނުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.

މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްގެންދިޔުމަށް ބޭނުންވާ ޤާނޫނީ އަދަދުކަމުގައި ބަލާނީ، މަޖިލީހުގެ މެންބަރުންގެ 25 އިންސައްތަ އެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 10 އޮކްޓޯބަރ 2012 ވާ ބުދަދުވަހު ހެންދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގަ އެވެ.