ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ޙާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ބާރެކެވެ.
ޤާނޫނުއަސާސީގެ އިސްވެދެންނެވި މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި، އެނޫން ފަރާތްތައްވެސް ޙާޞިރު ކުރަމުން ގެންދެވެއެވެ.
މިނިވަން ޑިމޮކްރެޓިކް އެހެނިހެން ޤައުމުތަކުގައިވެސް ޖުޑީޝަރީގެ ފަރާތުން އެޤައުމުތަކުގެ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ޙާޒިރުކުރުމުގެ ގަވައިދުތަކެއްވެސް ކަނޑައެޅި ހިނގަމުން ގެންދެއެވެ. މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކުރި އެއްވެސް ފަނޑިޔާރަކާ އެފަނޑިޔާރެއްގެ އެއްވެސް ނިންމެވުމަކާ ގުޅޭގޮތުން ނުވަތަ ހިންގަވާ ޝަރީޢަތަކާ ގުޅޭގޮތުން ނުވަތަ ޤާނޫނުއަސާސީން ފަނޑިޔާރުންގެ ވަކި ކަމެއް ބެއްލެވުމަށް ވަކި މުއައްސަސާއަކާ ޙަވާލު ކޮށްފައިވާ ކަމެއްގެ ތެރެއަށް ވަދެވޭ ގޮތަށް މަސައްކަތް ކުރަމުން ގެންގޮސްފައެއް ނުވެއެވެ.