ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި އެ ގަވާއިދުގެ 149 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހެޅުއްވި ކުއްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 149 ވަނަ މާއްދާގައި ކުއްލި މައްސަލައެއްގައި ފުރިހަމަ ވާންވާނެ ކަމަށް ބަޔާންކުރާ ހުރިހާ ސިފަތައް ފުރިހަމަނުވާކަމުން، އެ މައްސަލަ މިއަދު، 8 އޮކްޓޯބަރ 2012 ވީ ހޯމަ ދުވަހު އޮތް ޖަލްސާއަށް ހުށަހެޅުއްވުމަށް ބަލައިގަންފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 149 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރަނީ، ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާ މައްސަލައަކީ ޝަރީޢަތުގައި އޮތް މައްސަލައަކާ ގުޅޭކަމަކަށް ވެގެން ނުވާނެ ކަމަށެވެ. ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަލާއިރު، ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކާބެހޭ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދާފައިވާ ހަތަރު ސުޕީރިއާރ ކޯޓުގެ ހަތަރު ޑިވިޜަން ރަށެއްގައި ގާއިމު ކުރެވިއްޖެ ހިނދެއްގައި އެރަށެއްގެ މެޖިސްޓްރޭޓް ކޯޓު އުވިގެންދާނެ ކަމަށް ކޯޓުތަކާބެހޭ ޤާނޫނުގައި ބަޔާން ކޮށްފައި ވީހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައިވާ އިދާރީ ދާއިރާތަކުގެ ތެރޭގައި މާލެ ހިމެނެނީ ވިލިގިއްޔާއި ހުޅުމާލެ ހިމެނޭ ގޮތަށް ކަމަށް ބަޔާން ކޮށްފައިވުމާއެކު މާލޭގައި އުފައްދާ ހަތަރު ސުޕީރިއާރ ކޯޓު އުފައްދާ ހިންގަން ފެށުމުން މާލެ ހިމެނޭ ސަރަޙައްދުގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުމާލޭގެ ނަމުގައި ހިންގަމުން ދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 155 ވަނަ މާއްދާއިން ބާރު ލިބިގެން ހަދާފައިވާ ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކާބެހޭ ޤާނޫނު) އާ ކަނޑައެޅިގެން ޚިލާފަށް ކަމަށް އެ މައްސަލާގައި ބަޔާން ކޮށްފައިވެއެވެ.
އެހެންނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުމާލެއާއި ވިލިގިނލީގައި މެޖިސްޓްރޭޓް ކޯޓެއް އުފައްދަން ނިންމި ނިންމުމަކީ ޤާނޫނީގޮތުން ކުރެވިދާނެކަމެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި 30 މާޗް 2011 ގައި ސިވިލް ކޯޓަށް އަމިއްލަ ފަރާތަކުންވަނީ މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި، އެ މައްސަލަ ވަނީ 3 އޭޕްރީލް 2011 ގައި އެ ކޯޓުގައި ރަޖިސްޓަރީ ކޮށްދެއްވާފައެވެ. އަދި ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި އެއްޗެއް އަންގަވަންދެން އެ މައްސަލައާމެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް ނާޅުއްވައި ވަގުތީގޮތުން މައްސަލަ ފަސްކުރެއްވުމަށް 22 މެއި 2011 ގައި ސުޕްރީމް ކޯޓުންވަނީ ސުޕީރިއާރ ކޯޓަށް އަންގަވާފައެވެ.
އެހެންކަމުން، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަކީ ޝަރީޢަތުގައި އޮތް މައްސަލައަކާ ގުޅޭ ކަމަކަށްވާތީ، އެ މައްސަލައިގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ސިފަތައް ފުރިހަމަ ނުވާކަމަށްޓަކައި، އެ މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަންފައެއް ނުވެއެވެ.