4 އޮކްޓޯބަރ 2012
އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ޒިކްރާ އާ ކުރުމަށްޓަކައި، ތަޢުބީނުގެ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ހަމަޖައްސަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ މަޢުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ބޭއްވެވި ބައްދަލުވުމެއްގައެވެ.
މިޖަލްސާ ބޭއްވުމަށް ހަމަޖެއްސިފައިވަނީ 8 އޮކްޓޯބަރ 2012 ވާ ދުވަހުގެ ރޭ، 9:00 ޖަހާއިރު އިސްލާމިކް މަރުކަޒުގައެވެ.
މިޖަލްސާގައި އެ މަރްޙޫމްގެ ޒިކުރާ އާކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލިސްގެ ރައީސާ، ރައްޔިތުންގެ މަޖިލިސްގައި ހިމެނިވަޑައިގަންނަވާ ކޮންމެ ސިޔާސީ ޕާޓީގެ މެންބަރަކާ، އަދި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ. އަދި މީގެ އިތުރުން، އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ޢާއިލާގެ ބޭފުޅަކުވެސް ވާހަކަފުޅުދައްކަވާނެއެވެ.
މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލިސްގައި ހިމެނިވަޑައިގަންނަވާ ކޮންމެ ސިޔާސީ ޕާޓީގެ މެންބަރަކާ، އަދި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ ބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
