04 އޮކްޓޯބަރ 2012
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ އަނބިކަނބަލުންނަށާއި، ދަރީންނަށް މާލީ ޢިނާޔާތެއް ދެއްވުމަށްޓަކައި، އެކަމާގުޅޭ ލަފާފުޅަކަށް އެދި މިއަދު ޢާންމު ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢާންމު ކޮމިޓީއަށް މި ސިޓީފުޅު ފޮނުއްވާފައިވަނީ، އެކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހެޅުއްވުމުންނެވެ.
ޢާންމު ކޮމިޓީން މި ހުށަހެޅުއްވުން ދިރާސާކުރައްވައި، އަވަހަށް ގޮތެއް ނިންމަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޔަޤީންކުރައްވައެވެ.
