ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރެއްގެ މައްސަލަ ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއި ބެހޭ ގޮތުން މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު އިމްތިޔާޒް ކޮމިޓީގެ މިއަހަރުގެ 13 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ  މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަންދުކޮށްފައިފައިވާ މައްސަލަ ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއިމެދު މަޝްވަރާކުރައްވައިފިއެވެ.

މީގެއިތުރުން، މިއަދުގެ ބައްދަލުވުމުގައި 2012 ވަނައަހަރުގެ ފެބްރުއަރީ 7 އަދި 8 ވަނަ ދުވަހު ފުލުހުންނާއި ސިފައިން އެމްޑީޕީ މެންބަރުންނަށް އަނިޔާކޮށްފައިވާ މައްސަލަ އާއި ގުޅޭގޮތުން އިމްތިޔާޒު ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ހިއުމަން ރައިޓްސް ކޮމިޝަން އަދި ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނުން، ފެބްރުއަރީ 7 އަދި 8 ވަނަ ދުވަހާއި ގުޅޭގޮތުން ނެރުނު ރިޕޯޓް ކޮމިޓީއަށް ހޯއްދެވުމަށް ނިންމެވިއެވެ. އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިމައްސަލައާއި ގުޅޭގޮތުން މަޢުލޫމާތުދެއްވެވޭ ބޭފުޅުންނަށް އަދިވެސް އެއްފަހަރު އިތުރަށް ދެންނެވުމަށް ދަޢުވަތު އެރުވުމަށް ކޮމިޓީއިން ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ 2 އޮކްޓޯބަރ 2012 ވީ އަންގާރަވިލޭރޭ އަވަހާރަކޮށްލާފައިވާތީ އެމަރުޙޫމުގެ މައްޗަށް ހެޔޮ ދުޢާކޮށް ޒިކުރާ އާކުރުމުގެ ސުކޫތުގެ ވަގުތުކޮޅެއް ގެންނެވިއެވެ.

މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު މަތިވެރި ދާއިރާގެ މެންބަރު ހުސެން މުޙައްމަދު، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، އަދި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނާޢީމް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ.

ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ހުންނެވީ ސަލާމުގައެވެ.