އަޅުގަނޑުމެންނަށް ގެއްލިގެން ދިޔައީ ވަރަށް ބޮޑު ޖަވާހިރެއް – މެންބަރު ޢަބްދުﷲ ޖާބިރު

އަޅުގަނޑުމެންނަށް ގެއްލިގެން ދިޔައީ ވަރަށް ބޮޑު ޖަވާހިރެއްކަމަށާއި މިހިތާމައިގައި ބައިވެރިވަމުންމިދާ ވަގުތަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ތިބި ދިވެހިރާއްޖެ ދެކެ ލޯބިވާ އެކިއެކި ޤައުމުތަކުގެ ރަހުމަތްތެރިންނާއި އެންމެން މި ހިތާމައިގައި ބައިވެރިވާ ވަގުތެއްކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ 2 އޮކްޓޯބަރ 2012 ވީ އަންގާރަދުވަހުގެރޭ އަވަހާރަކޮށްލެވުމާގުޅިގެން އެމަރުޙޫމްގެ ޒިކުރާ އާކުރުމުގެ ގޮތުން ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވީ ޑރ.އަފްރާޝީމް ޢަލީ އަކީ އެކުވެރިކަމާއި ވަރަށް ޢިލްމީ ރޮނގުން މަސައްކަތްކުރައްވަމުން ގެންދެވި ވަރަށް ރަހުމަތްތެރި ބޭފުޅެއްކަމަށެވެ.

“މިއަދަކީ އަޅުގަނޑުމެނަށް ހިތާމަވެރި ދުވަހެއް،” ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ. “އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ. ކަންކަން ވީމާ، އޭގެން އަޅުގަނޑުމެން ޢިބުރަތް ލިބެން އެބަޖެހޭ. ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ ތެރެއިން ފުލުހަކު މަރުވެފައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރަކު އަވަހާރަކޮށްލާފައި، ދެންހުރި މީހަކު މަރުވީމާ އަޅުގަނޑުމެން މިތާނގައި ސައްލާކޮށްފައި އެ ހަދާންތައް، ޛިކުރާ އާކުރަމުންދާ ދިޔުމެއްގެ ގޮތުގައި ނިމިގެންނުވާނެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ މާލޭގެ ސެކިއުރިޓީ ބެލެހެއްޓެންވާނެ.”

ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވީ މި ޢަމަލު ކުށްވެރިކުރާކަމަށާއި އަފްރާޝީމު ޢަލީ އަވަހާރަކޮށްލި ކޮށްލުމަކީ އެކަކު ވެސް ގަބޫލުކުރާނެ ކަމެއް ނޫންކަމަށެވެ. އަދި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު އެގޮތަށް އަވަހާރަކޮށްލުމަކީ، އެދޭނެ ކަމެއް ނޫންކަމަށްވެސް ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

“އެއްވެސް ރައްޔިތަކު އެދޭނެ ކަމެއް ނޫން. ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން މިކަން ވަރަށް ހަރުކަށި އިބާރާތުން އަޅުގަނޑުމެން ކުށްވެރިކުރަން،” ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ. “އަޚް، އަފްރާޝީމު ޢަލީ އަކީ ގައިމު މީހަކު ހަސަދަވެރިވެގެން، އެ ބޭފުޅާގެ ފަރާތުން އަނިޔާ އެއް ލިބިގެން، އެ ބޭފުޅާ ކުށެއް ކޮށްގެން، އެ ބޭފުޅާ މީހަކާ ޢަދާވާތްތެރިވެގެން، އެ ބޭފުޅާ މީހަކު މަރާލަންޖެހޭ، އެވަރު ކަމެއް ކުރާނެ ބޭފުޅެއް ނޫން ހަމަ އެއްގޮތަކަށްވެސް.”

އަދި ޑރ.އަފްރާޝީމް ޢަލީ އަކީ ދީނީ ގޮތުން ވެސް ހަރުކަށި ގޮތްތަކެއް ގެންގުޅުއްވި ބޭފުޅެއް ނޫންކަމަށް ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ. މިގޮތުން ޑރ.އަފްރާޝީމް ޢަލީ ފާހަގަކުރެވިފައިވަނީ ޢާއްމުކޮށް މީހުންނަށް ވިސްނޭ ގޮތަށް ރައްޔިތުންނަށް ވެސް އެނގޭ ގޮތަށް ދީނީ ކަންކަން ވިސްނުވައިދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައިކަމަށް ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

17 ޛުލްޤައިދާ 1433

03 އޮކްޓޯބަރ 2012