ޤައުމަށް ދިމާވެފައިވާ ހިތާމައިގެ މި ދަނޑިވަޅަކީ އެކީގައި އެކުވެރިވެގެން އެއް ރޫހެއްގައި، ޚިޔާލުތަފާތުވުން އެއްކައިރިކޮށް، މިޤައުމަށްޓަކައި މި ޤައުމުގެ އަންނަން އޮތް މުސްތަޤްބަލަށްޓަކައި މަސައްކަތްކުރަންޖެހޭ ވަގުތެއްކަމަށް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމު ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ 2 އޮކްޓޯބަރ 2012 ވީ އަންގާރަދުވަހުގެރޭ އަވަހާރަކޮށްލެވުމާގުޅިގެން އެމަރުޙޫމްގެ ޒިކުރާ އާކުރުމުގެ ގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވީ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި އަނިޔާވެރި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ޕީޕީއެމްގެ ފަރާތުން ކުށްވެރިކުރާކަމަށެވެ.
އަޅުގަނޑުމެންގެ ޤައުމަށް މިއަދު ދިމާވެފައިވާ ޙާލަތަކީ އެންމެން އެކަމާ ދޭތެރޭގައި ވިސްނައި ހައްލެއް ހޯދަން މަސައްކަތްކުރަންޖެހޭ ޙާލަތެއްކަމަށް ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް އަމާންކަމާ އެކީގައި މި ޤައުމުގައި ދިރިއުޅެވޭނެ ގޮތެއް ހަދައިދިނުމަށްޓަކައި އެއްމެން އެއް ޢަޒުމެއްގައި ގުޅިގެން ސިޔާސީ ފިކުރު އެއްކިބާކޮށްފައި މަސައްކަތްކުރެއްވުމަށް ފޮނަދޫ ދާއިރާގެ މެންބަރު ގޮވާލެއްވިއެވެ. އަދި މި ޢަމަލަކީ ޤައުމުގެ އެއްވެސް ދަރިއަކު ބަލައިގަންނާނެ، ޤަބޫލުކުރާނެ ޢަމަލެއް ނޫންކަމަށްވެސް ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވީ ޑރ.އަފްރާޝީމު ޢަލީ އަކީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޢިލްމު ފެތުރުއްވުމުގައި ވަރުބަލިކަމެއް ނެތި، ހީވާގިކަމާއި މުރާލިކަމާ އެކު މަސައްކަތްކޮށްދެއްވި ވަރަށް އަގުހުރި ޢިލްމީ ބޭފުޅެއްކަމަށެވެ. އަދި ޤަބޫލުފުޅުކުރައްވާ ގޮތް ހާމަކުރެއްވުމުގައި އެއްވެސް ކަހަލަ ޖެހިލުންވެވަޑައިގަތުމެއް ހުންނަ ބޭފުޅެއް ނޫންކަމަށް ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
“އަޅުގަނޑަށް ދަންނަވަންޖެހެނީ އެ މަނިކުފާނުގެ އެންމެ ފަހު ވަގުތު އެ މަނިކުފާނާ ކުރިމަތިވެގެން އެ ދިޔައީ ވެސް ހަމަ އެ މަނިކުފާނުގެ ސާބިތުކަމާ ހުރެ، އެ މަނިކުފާނު އެ ޤަބޫލުފުޅުކުރައްވާ ގޮތުގައި ހިފެހެއްޓެވުމުގެ ސަބަބުން ބަޔަކު މީހުން ހަމަ ރާވައިގެން އެ މަނިކުފާނަށް ދިން އަނިޔާވެރި ޢަމަލެކޭ،” ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
17 ޛުލްޤައިދާ 1433
03 އޮކްޓޯބަރ 2012